ރައީސް ޑރ. މުޢިއްޒުގެ ސިޓީފުޅެއް ބަހްރައިންގެ ބޮޑު ވަޒީރަށް
ރައީސް ޑރ. މުހައްމަދު މުއިއްޒު ބަހުރައިންގެ ބޮޑުވަޒީރު ސަލްމާން ބިން ހަމަދު އަލް ހަލީފާއަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.
މިއަދު ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ބަހުރައިންގެ ބޮޑުވަޒީރާ ބައްދަލު ކުރައްވާ މި ސިޓީފުޅު ހަވާލުކުރައްވާފައެވެ.
ބަހްރެއިންގެ ބޮޑުވަޒީރު ސަލްމާން ބިން ހަމަދު އަލް ހަލީފާއާ ބައްދަލުކުރައްވާފައިވާ ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު ބަހުރެއިންގެ ރަސްގެފާނު ހަމަދު ބިން އިސާ އަލް ހަލީފާއަށް ފޮނުއްވި ސިޓީފުޅެއް ވެސް ވަލީއަހްދުއާ ހަވާލު ކުރައްވާފައިވާ މިބައްދަލުވުމަށްފަހު މިނިސްޓަރު ޒަމީރު ވަނީ ވިދާޅުވެފައެވެ.
ބަހުރައިންގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްލަތީފް ބިން ރާޝިދު އައްޒަޔާނީގެ ދައުވަތަކަށް މިނިސްޓަރު ޒަމީރު ކުރައްވާ ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުން ވަރުގަދަކުރުމާއި އެކުގައި ކުރިއަށް ދެވޭނެ ދާއިރާތަކާ މެދު ދެ ބޭފުޅުން މަތީ ފަންތީގެ މަޝްވަރާތައް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
މިދަތުރުފުޅުގައި މިނިސްޓަރު ޒަމީރު އާއިއެކު ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވާނޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.