ފާއިތުވި 24 ގަނޑިއިރު ތެރޭގައި ކެލާއަށް ރެކޯޑް އަދަދަކަށް ވާރޭ ވެހިއްޖެ
ހއ. ކެލައަށް ފާއިތުވި 24 ގަޑިއިރު ތެރޭގައި ރެކޯޑު އަދަދަކަށް ވާރޭ ވެހިފައިވާ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެއިދާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ ހެނދުނު 8:00 އިން ފެށިގެން މިއަދު ހެނދުނު 8:00 އާއި ހަމައަށް ކެލާއަށް ވަނީ 231.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި މިއީ މިހާތަނަށް އޮޓަމެޓިކް ވެދާ ސްޓޭޝަނަކުން 24 ގަޑިއިރު ތެރޭ ރެކޯޑުކުރެވިފައިވާ އެންމެ މަތީ އަދަދެވެ.
އެއިދާރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކެލާއަށްފަހު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ހދ. ހަނިމާދުއަށް 177.5 މިލިމީޓަރު، ރ. އިފުރަށް 102.0 މިލިމީޓަރު އަދި ކުޅުދުއްފުށި ސިޓީއަށް 77.8 މިލިމީޓަރު އެވެ.
މީގެއިތުރުން، ފާއިތުވި 24 ގަނޑިއިރުގެ ތެރޭގައި ވިލާގަނޑުގައި އެންމެ ވައިގަދަވެފައިވާ ކަމަށް ރެކޯޑު ކުރެވިފައި ވަނީ އިއްޔެ ފ. ނިލަންދުއަށް ގަޑިއަކު 46 މޭލަށް ކަމަށް މޫސުމާއިބެހޭ އިދާރާއިން ބުނެފައިވެއެވެ.
ކުރިއަށް ފަސް ދުވަހުގެ ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށާއި މެދުރާއްޖެތެރޭގައި ގަޑިއަކު 17 މޭލައި 27 މޭލާ ދެމެދު، އަދި ދެކުނުގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް އެއިދާރާއިން ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުމުގެ ފުރުސަތު ބޮޑުވުމުން، ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވެ، ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް ބެލެވޭ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރުކޮށްފާނެތީ، ވިއްސާރައަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.