އައިޖީއެމް ކައިރީ ހުރި ފާރެއް ވެއްޓި ސައިކަލުތަކަކަށް ގެއްލުން ވެއްޖެ
އައިޖީއެމް ހޮސްޕިޓަލް ކައިރީ ޕާކިން ޒޯނުގައި ހުރި ފާރެއް ވެއްޓި ސައިކަލުތަކަކަށް ގެއްލުން ވެއްޖެއެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލާއި ދިރާގު ހެޑްއޮފީހާއި ދިމާލުގައި ހުންނަ އެފާރު ވެއްޓިފައި ވަނީ ރާއްޖެއަށް މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ވައިބާރު ވުމުގެ ސަބަބުންނެވެ.
އެފާރު ވެއްޓުނުއިރު ފާރުގައި ޓިނުން ފެންސެއް ޖަހާފައިވާއިރު، ޓިނުން ފެންސު ހަދާފައިވާ ބޮޑު ބައެއް ވަނީ ވައިގަދަވުމުގެ ސަބަބުން ވެއްޓިފަ އެވެ.
މީގެއިތުރުން، ފާރު ވެއްޓުމުގެ ސަބަބުން އެސަރަހައްދުގައި އެވަގުތު ޕާކުކޮށްފައިވާ ބައެއް ސައިކަލުތަކަށް ވެސް ވަނީ ގެއްލުންވެފައެވެ.
މިހާދިސާ އާއި ގުޅިގެން ފުލުހުން ވިދާޅުވީ ދިރާގު ހެޑް އޮފީސް ކައިރި ޕާކިން ޒޯން ހިމެނޭ ހިސާބުގައި ޖަހާފައި ހުރި ފެންސެއް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މީގެއިތުރުން މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި އެތަނުގައި ހުރި ސައިކަލްތަކަކަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ.