މަސްތުވާތަކެތީގެ ފަރުވާއަށް ބަޖެޓަށް 30 މިލިއަން އިތުރުކުރަން ނިންމައިފި
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ދޭ ފަރުވާގެ ނިޒާމް ހަރުދަނާކުރުމަށްޓަކައި 30 މިލިއަން ރުފިޔާ ބަޖެޓަށް 30 މިލިއަން ރުފިޔާ އިތުރުކުރަން ސަރުކާރުން ނިންމައިފިއެވެ.
ޑްރަގް ކޯޓުން ފަރުވާ ހޯދުމަށް ކުރި އަމުރުގެ ދަށޫން ފަރުވާ ފުރިހަމަކުރި ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ހުސައިން ވަނީ މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ހޯދާ ފަރާތްތަކަށް މުޖުތަމައުގެ އެހީތެރިކަން ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ފަރުވާ ފުރިހަމަ ކުރުމަށްފަހު މުޖުތަމައަށް ނުކުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދޭން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކިބައިން މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.
ޑްރަގް ކޯޓުގެ އިސްގާޒީ ފަނޑިޔާރު އަބްދުއްސައްތާރު އަބްދުލްހަމީދު ވެސް ވަނީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ފަރުވާ ހޯދައި އަލުން މުޖުތަމައަށް ނުކުތުމަށް ކުރާ މަސައްކަތަށް މުޖުތަމައުން ވެސް ހިތްވަރު ދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
މީގެއިތުރުން، ފަރުވާދޭން ތިބި ކައުންސިލަރުންނާއި އެކަމަށް ބޭނުންވާ ވަސީލަތްތައް މަދުވުމުގެ ސަބަބުން ފަރުވާގެ މަރުހަލާ ނުފެށި ލަސްވާ ކަން ފާހަގަކުރެވޭ ކަމަށާއި، އެ ކަންކަމަށް ހައްލުލިބި ފަރުވާގެ މަރުހަލާ އަވަސްކުރެވިގެން ދިއުމަށް އުންމީދުކުރައްވާ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.
ބުރާސްފަތި ދުވަހު ބޭއްވި މިހަފްލާގައި ޑްރަގް ކޯޓުން ހާމަކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ އަހަރު ފަރުވާއަށް 586 މީހެއްގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށާއި އޭގެތެރެއިން 419 މީހަކު ފަރުވާ ފުރިހަމަކޮށްފައިވާއިރު، 173 މީހަކު ފަރުވާގެ އަމުރާއި ޚިލާފުވުމުން ފަރުވާއިން ވަކިކޮށް ހުކުމް ތަންފީޒުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.