ލީގުގެ ފުރަތަމަ މެޗުން ރެއާލް އެއްވަރުވެއްޖެ
ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން ކުޅުނު ފުރަތަމަ މެޗުގައި މަޔޯކާއާ ބައްދަލުކޮށް 1-1 އިން އެއްވަރުވެއްޖެ އެވެ.
ރޭގެ މެޗަކީ ކިލިއަން އެމްބާޕޭ ރެއާލަށް ލީގުގައި ކުޅެދިން ފުރަތަމަ މެޗު ކަމަށްވާއިރު، އޭނާ ވަނީ މިދިޔަ ބުދަ ދުވަހުގެރޭ ޔޫއެފާ ސުޕަ ކަޕްގައި އެޓަލާންޓާ އަތުން 2-0 އިން ރެއާލް މޮޅުވި މެޗުގައި ގޯލެއް ކާމިޔާބުކޮށްފަ އެވެ.
މަޔޯކާގެ ދަނޑުގައި ކުޅުނު މި މެޗުގެ 13 ވަނަ މިނެޓްގައި ރޮޑްރިގޯ ވަނީ ރެއާލަށް ލީޑު ނަގައިދީފަ އެވެ. ރޮޑްރިގޯ މި ގޯލު ކާމިޔާބު ކުރީ މަޔޯކާގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ. މަޔޯކާ އަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 53 ވަނަ މިނެޓްގައި ވެދާޓް މުރީގީ ކަމަށްވާއިރު މިއީ ރެއާލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުގައި އެމްބާޕޭގެ ފަރާތުން ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް އޭނާ ވަނީ މަޔޯކާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ. އެ ހަމަލާތައް ދިފާއުކުރުމުގައި މަޔޯކާގެ ކީޕަރު ޑޮމިނިކް ގްރީފްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.
މެޗުގެ ފަހު ވަގުތުކޮޅުތެރޭ މަޔޯކާގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ރެއާލްގެ ފުލްބެކް ފާލަންޑް މެންޑީ އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.
ލީގުގައި ރެއާލް މެޑްރިޑް ދެން ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި ވަޔަޑޮލިޑްއާ އެވެ.