ކަރެކްޝަންސްގެ 5 އޮފިސަރުންގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި
މޯލްޑިވްސް ކަރެކްޝަންސް ސަރވިސްގެ 5 އޮފިސަރުންގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުން ބުނީ މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން އެ ސަރވިސްގެ ވަޒީފާގައި ތިބެ، ގާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބުތަކާއި ހިލާފުވެ، އަދާކުރި ވަޒީފާގައި ހިންގާ ހުއްދަނޫން ކަންކަމުން މާލީ މަންފާ ހޯދުމުގެ އިތުރުން ވަޒީފާއާއި ނުބައްދަލު ފައިސާގެ މުއާމަލާތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން ދިވެހި ފުލުހުންގެ ހިދުމަތާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގު ހިންގާ އެ އޮފީހަށް ހުށަހެޅި މައްސަލައެއް ކަމަށެވެ.
ދައުވާކުރަން ފޮނުވާފައިވަނީ ޖިނާހް އަބްދުއްރަހީމް - ރ. އުނގޫފާރު، އައިވަރީހައުސްއަލީ ހިޝާމް - ކ. މާފުށި، ބީޗްހައުސްއަލީ ނާޒިމް - ހދ. ނޭކުރެންދޫ، ތަރާނާގެމުހައްމަދު ފަތޫހު - ގއ. ވިލިނގިލި، ކުއްޅަވައްގެއަލީ އަސްފާގު - ނ. ލަންދޫ، ކާމިނީގެ އަށެވެ.
މި 5 އޮފިސަރުންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ނުޙައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާ ކުރުމަށް ޕީޖީ އޮފީހުން ވަނީ ހުށަހަޅާފައެވެ. އަދި އެ ދައުވާތަކުގެ އިތުރުން ޖިނާހްއާއި އަލީ ހިޝާމްގެ މައްޗަށް ވަނީ މަނީ ލޯޑަރިންގެ ދައުވާ އުފުލާފައެވެ.
މި މައްސަލާގައި ޖުމްލަ 13 ޖަލު އޮފިސަރުން ވަނީ ހައްޔަރުކޮށްފައެވެ. ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް މިވަގުތު ހެކި ގަރީނާ ލިބިފައިނުވާތީ އެމީހުންގެ މައްޗަށް މިވަގުތު ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި އިތުރު ބައިތަކުގެ ތަހުގީގު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުالله ޝަރީފު ވިދާޅުވެފައި ވަނީ ތަހުގީގުން ހާމަވިގޮތުގައި, 18 މުވައްޒަފެއްގެ އެކައުންޓުގައި 73,600,000 ރުފިޔާ ޖަމާވެފައި ހުރި ކަމަށާއި، އެ ފަރާތްތަކުގެ އެކައުންޓަށް އާދަޔާ ހިލާފަށް ފައިސާ ޖަމާވެފައި ހުރި އިރު, 73 މިލިއަނަކީ 2023 ގެ ޖެނުއަރީން ފެށިގެން މިހާތަނަށް ޖަމާވެފައި ހުރި ފައިސާ ކަމަށެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ދައުލަތުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ މަގާމެއްގައި ތިބި ބަޔަކު ރިޝްވަތު ހިފުމަކީ ކުށެއް ކަމަށާއި ރިޝްވަތު ހުށަހެޅި މީހުންނާއި އޭގައި ހިފި މީހުންނާ މެދު ގާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.