ޓާޝަރީ ހޮސްޕިޓަލް އަޅަން ވިލިމާލެ ހޮސްޕިޓަލު ހުރި ބިން ހުސްކުރަނީ
ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ވިލިމާލެ ހޮސްޕިޓަލު މިހާރު ހުރި ބިން ހުސްކުރުން ނިންމައިފި އެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރުމަށް އެގައުމުގެ ސަރުކާރުން ހަވާލުކޮށްފައި ވަނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއަށެވެ.
ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީގައި ބުދަ ދުވަހު ވާހަކަދައްކަވަމުން ވިލިމާލެ ހޮސްޕިޓަލް ހިންގާ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ އާ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ވަރަށް ބާރަށް ހިނގަމުން އަންނަ ކަމަށާއި ޗައިނާ ސަރުކާރުގެ ފަރާތުން ސިޑްކާ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް، ހެލްތު މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި އެ ގްރޫޕާ އަދި ވިލިމާލެ ހޮސްޕިޓަލުގެ ޓީމާ އެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާ ކަމަށެވެ. އަދި މަޝްރޫއުގެ ފީސިބިލީ ސްޓަޑީގެ ސާވޭގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތް މިކުރަނީ މި އަހަރުގެ ނިޔަލަށް ކޮންޓްރެކްޓާ ހަމައަށް ދެވި، އަންނަ އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފެށޭވަރުވާނެ ކަމަށް،" އަބްދުއްރައްޒާގް ވިދާޅުވި އެވެ.
މީގެއިތުރުން ހަލީލް ވިދާޅުވީ މި ހޮސްޕިޓަލް އެޅުމަށް ވިލިމާލެ ހޮސްޕިޓަލް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމާފައި ވަނީ ޓާޝަރީ ހޮސްޕިޓަލް އަޅަން ހަމަޖެހިފައި ވަނީ ބޭނުން ކުރަމުންދާ ހޮސްޕިޓަލް ހުރި ބިމުގައި ކަމަށްވާތީވެ ކަމަށެވެ.
"ވިލިމާލެ ހޮސްޕިޓަލުން ސިއްހީ ހިދުމަތް ނުލިބޭ ގޮތަކަށް އަޅުގަނޑުމެންނަށް ޕްރޮޖެކްޓެއް ކުރިއަށް ނުގެންދެވޭނެ. އެހެންވީމާ ސަރުކާރުގެ ވުޒާރާތަކާ މަޝްވަރާކޮށްގެން އެހެން ތަނަކަށް މިހާރު ހުރި ސެޓަޕް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ރާވާފައި،" އަބްދުއްރައްޒާގް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލުގައި ދަތުގެ ހިދުމަތް ފުޅާކުރުމަށް ޑެންޓަލް ޗެއާއެއް ގާއިމުކުރެވިފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ތަކެތި ހޯދުމަށް ފަހު، އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ވިލިމާލޭގައި އަލަށް ތައާރަފު ކުރެވި އެ ހިދުމަތް ފެށިގެންދާނެ ކަމަށެވެ.