ބީއެމްއެލްގެ ނިންމުމާއި ގުޅިގެން ސަރުކާރު ވައްޓާލަން އުޅުން މައްސަލައެއް ތަހުގީގު ކުރަން ފަށައިފި
ބޭންކް އޮފް މޯލްޑިވްސް އިން ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ސަރުކާރު ވައްޓާލަން ގޮވާލި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައިވާ ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ ހަމަ އެވަގުތު މީސް މީޑިއާގެ އެތައް ސަތޭކަ ބޮޓް އެކައުންޓުތައް ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވައި ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީފައިވާތީވެ މިއީ މިއީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ފުލުހުންގެ ހިދުމަތުގެ ފަރާތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
ފުލުހުން މިމައްސަލަ ތަހުގީގު ކުރަން ފަށާފައިވާއިރު، ބޭންކުން ނިންމި ނިންމުމާއި މެދު އާންމު ރައްޔިތުން ފާޅުކުރި ކަންބޮޑުވުމާއި ޕްރެޝަރުގެ ސަބަބުން ބޭންކުން ވަނީ އެނިންމުން ބާޠިލުކޮށްފައެވެ. އަދި މިނިންމުމާއި ގުޅިގެން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ ބީއެމްއެލްއިން އަމަލުކޮށްފައި ވަނީ ރައީސްގެ އިރުޝާދުފުޅާއި ޚިލާފަށް ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން، ޑޮލަރު މައްސަލައާ ގުޅޭ ގޮތުން މީގެ ކުރިން ސަރުކާރާއި ބޭންކާ ދެމެދު މަޝްވަރާތައް ކުރެވިފައިވާ ކަމަށާއި ބޭންކުން އަމަލު ކުރީ ސަރުކާރާ މަޝްވަރާކޮށްފައި އޮތް ގޮތަށް ނޫން ކަމަށް އެބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ ވިދާޅުވެފަ އެވެ.