ގިނަ އަދަދެއްގެ ފައިސާ ދެއްކުމަށް މާލެ ސިޓީ ކައުންސިލުގެ މައްޗަށް ޙުކުމްކޮށްފި
ވިލިމާލޭ ވަގުތީ ލޯކަލް މާރުކޭޓު ހެދުމުގެ މަސައްކަތްކުރި ކުންފުންޏަކަށް 364،000ރ. ދައްކަން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ޙުކުމް ކޮށްފި އެވެ.
ފެބްރުއަރީ 2022 ގައި މާލެ ސިޓީ ކައުންސިލުން ވަނީ ގްލޯރިއަސް ޓްރޭޑިން އެންޑް ޝިޕިން ކުންފުންޏާ ވިލިމާލޭ ލޯކަލް މާރުކޭޓްގެ މަސައްކަތް ހަވާލުކޮށްފައެވެ. އެކުންފުންޏާއި މިމަސައްކަތް ހަވާލުކޮށްފައި ވަނީ 2.5 މިލިއަން ރުފިޔާއަށް 45 ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމުމަށެވެ.
މިމައްސަލާއިގައި އެކުންފުނިން ސިޓީ ކައުންސިލްގެ މައްޗަށް ދައުވާކޮށްފައި ވަނީ އެފައިސާގެ ތެރެއިން ނުދައްކާ އޮތް 364،000ރ. އާއި ސިޓީ ކައުންސިލްގެ އިހުމާލުގެ ސަބަބުން މަސައްކަތް ލަސްވެ އިތުރަށް ހަރަދުކުރަން ޖެހުނު 781،000ރ. އާއި ފައިސާ ނުދީ ލަސް ކުރުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 251،000ރ. އާއި ނުސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 500،000ރ. ހޯދުމަށެވެ.
މިދިޔަ އާދިއްތަ ދުވަހު މިމައްސަލައިގައި ސިވިލް ކޯޓުން ކުރި ޙުކުމުގައި ބުނެފައި ވަނީ އެ ކުންފުނިން ކުރި މަސައްކަތަށް ދޭންޖެހޭ ފައިސާގެ ތެރެއިން ނުދީ އޮތް 364،000ރ. ސިޓީ ކައުންސިލުން ދޭން ޖެހޭނެ ކަމަށާއި 14 ދުވަސް ތެރޭގައި އެ ފައިސާ ކޯޓަށް ދެއްކުމަށެވެ.
މީގެއިތުރުން ސިވިލް ކޯޓުގެ ޙުކުމުގައި ދައުވާކުރިފަރާތުން އިތުރަށް ހަރަދުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ 781،000ރ. އާއި ޖޫރިމަނާގެ ގޮތުގައި 251،000ރ. އާއި އާއި ނުސީދާގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދޭން އެދުނު 500،000ރ އަކީ ނަގައިދެވޭނެ ފައިސާއެއް ނޫން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.