އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް މިލަދޫގައި ފަށައިފި
ނ. މިލަދޫ ރައްޔިތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ފަށައިއެވެ.
އިންޑޯރ އަދި އައުޓްޑޯރ ކުލާސްތައް ހިމެނޭގޮތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދޭނެއެވެ. އަދި މަގުމަތީގެ އަދަބުތަކާއި ރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދޭނެއެވެ.
މިލަދޫ ޕޮލިސް ޕޯސްޓާއި ރަށު ކައުންސިލު ގުޅިގެން އޮގަސްޓް 25 އިން ހަތްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި އަލަށް އެއްގަމު ލައިސަންސް ނަގަން ބޭނުން 43 މީހުންނާ އެކު ޖުމުލަ 45 މީހުން ބައިވެރިވެއެވެ.
މިޕްރޮގްރާމުގެ އެއް އަމާޒަކީ ޕްރޮގްރާމް ނިމިގެން ދާއިރު އެ ބައިވެރިންނަކީ އެއްގަމު ލައިސަންސް ނެގޭވަރަށް ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުމާއި އެއްގަމު ލައިސަންސް ނަގައި އަދި ގާނޫނީ އިމުގެ ތެރޭގައި އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރުދީ އެކަމަށް ބާރުއެޅުމެވެ.