ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.
މިމަހުގެ 26 ވަނަ ދުވަހު ރައީސް ޑރ. މުޢިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު މަގާމުން ވަކިކުރުމަށް ލަފާ ދިނުމުން އެމެންބަރުން މަގާމުން ވަކިކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުންގެ މައްސަލަ ބެލުމަށްފަހު، މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ އެ ޓްރައިބިއުނަލްގެ އެއް މެންބަރު ފިޔަވައި ހުރިހާ މެންބަރުން މަގާމުން ވަކި ކުރުމަށެވެ.
އެހެންކަމުން ޓްރައިބިއުނަލްގައި ހުސްވެފައިވާ މަގާމުތަކަށް މީހުން އައްޔަން ކުރުމަށްޓަކައި އެމަގާމަށް ކުރިމަތިލުމަށް އިއުލާންކޮށްފައިވާއިރު، މިމަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 17 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމުތަކާއި އިގުރާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.