ބްރެޒިލްގައި އެކްސް މަނާ ކޮށްފި
އެކްސް ގެ ޚިދުމަތް ވަގުތުން އެ ގައުމުގައި ހުއްޓުމަކަށް ގެނައުމަށް ބްރެޒިލްގެ ކޯޓަކުން އަމުރު ކޮށްފިއެވެ.
ފަނޑިޔާރު އެލެޝަންދްރީ ދި މޮރާއިސް ކުރެއްވި އަމުރުގައި ވަނީ އެކްސް ގެ މައްޗަށް މިހާތަނަށް ކޯޓުން ނެރެފައިވާ އަމުރުތަކަށާއި، ކޮށްފައިވާ ޖުރިމަނާތަކަށް ފުރިހަމަ އަށް އަމަލު ކުރަންދެން "ވަގުތުން އަދި ފުރިހަމަ އަށް" އެކްސް ގެ ޚިދުމަތް ހުއްޓާލުމަށެވެ.
ބްރެޒިލްގެ ކޯޓާއި އެކްސް ނުވަތަ ކުރީގެ ނަމުން ނަމަ ޓްވިޓަރ އާ ދެމެދު އަރާރުން އުފެދެން ފެށީ މިދިޔަ އޭޕްރީމް މަހު ބްރެޒިލް ގައި ދޮގު މައުލޫމާތު ފަތުރާ ކަމަށް ތުހުމަތު ކުރާ ބައެއް އެކައުންޓްތައް ބްލޮކް ކުރުމަށް އެކްސް ގެ މައްޗަށް ކުރި އަމުރަކާ ގުޅިގެންނެވެ.
މި އަމުރު ކުރުމާއެކު އެއަށް ރައްދު ދެމުން އެކްސްގެ އޯނަރު އީލޮން މަސްކް ބުނެފައިވަނީ ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމަކީ ޑިމޮކްރަސީގެ ބިންގާ ކަމަށާއި، އިންތިޚާބު ނުކުރާ ބްރެޒިލްގެ ފަނޑިޔާރަކު ސިޔާސީ ބޭނުމަށް އެ ބިންގާ ހަލާކު ކޮށްލަނީ ކަމުގައެވެ.
ބްރެޒިލްގެ 200 މިލިއަން މީހުން އާބާދީގެ 10 އިންސައްތަ މީހުން އެކްސް ބޭނުން ކުރާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބްރެޒިލްގައި އެކްސް ބޭނުން ކުރާ މީހުން ބުނާ ގޮތުގައި ހޮނިހިރު ދުވަހު ހެނދުނު ވީއިރު އެކްސް އަކަށް ނުވަދެވެއެވެ.
މި މަހުގެ ކުރީ ކޮޅު ބްރެޒިލްގައި ހުންނަ އެކްސް ގެ އޮފީސް ވަނީ ބަންދުކޮށްފައެވެ. އޮފީސް ބަންދުކުރި ސަބަބެއް ކަމަށް ބުނެފައިވަނީ، ކޯޓުގެ އަމުރަށް ނުކިޔަމަންތެރި ވެއްޖެ ނަމަ ކަމާބެހޭ އޮފިޝަލުން ހައްޔަރުކުރާނެ ކަމުގެ އިންޒާރު ލިބިފައި އޮތުމުންނެވެ.
އެކްސްގެ ރަސްމީ އެކައުންޓަކުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި އަމުރާ އެއް ގޮތަކަށް އެ ކުންފުނިން އަމަލު ނުކުރާނެ ކަމަށެވެ.
މިއާއެކު، ބްރެޒިލްގެ ސުޕްރީމް ކޯޓުން ކުރިން ނެރުނު އަމުރަކާ ގުޅިގެން މަސްކްގެ ސެޓެލައިޓް އިންޓަނެޓް ކުންފުނި ސްޓާލިންކްގެ ބޭންކް އެކައުންޓްތައް ބްރެޒިލްގައި ވަނީ ފްރީޒް ކޮށްފައެވެ.
އެކްސްއަކީ ބްރެޒިލްގެ މުއައްސަސާތަކުގެ ފިއްތުންތަކާ ކުރިމަތިވި ފުރަތަމަ ސޯޝަލް މީޑިއާ ކުންފުނި ނޫންކަން ފާހަގަ ކުރެވެއެވެ.
މިދިޔަ އަހަރު، ވަގުތީގޮތުން އެ ގައުމުގައި ޓެލެގްރާމް މަނާކުރެވުނެވެ. އެއީ ވަކި ޕްރޮފައިލްތަކެއް ބްލޮކްކުރުމަށް ކުރި އަމުރަށް އެއްބާރުލުން ނުދިނުމުގެ ސަބަބުންނެވެ.
މެޓާގެ މެސެޖިންގ ސަރވިސް ވަޓްސްއެޕްވެސް ވަނީ 2015 އަދި 2016 ގައި ވަގުތީގޮތުން މަނާކުރެވިފައެވެ. އެއީ ވަޓްސްއެޕް ބޭނުން ކުރާ ބައެއް ފަރާތްތަކުގެ މައުލޫމާތޫ ހޯދުމަށް ފުލުހުން އެދިގެން އެކަމަށް އެއްބާރުލުން ނުދިނުމުގެ ސަބަބުންނެވެ.