ތަފާތު ބޮޑުކޮށް ބާސެލޯނާ މޮޅުވެއްޖެ
ސްޕެނިޝް ލީގުގައި ރޭ ރެއާލް ވަޔަޑޮލްޑާ ދެކޮޅަށް ކުޅުނު މެޗުގައި 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެއެވެ.
އޮލިމްޕިކް ސްޓޭޑިއަމްގައި ސާޅީސް ހަތަރު ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މެޗުގެ 20 ވަނަ މިނިޓުގައި ބާސެލޯނާ އިން ވަނީ އިދިކޮޅު ޓީމުގެ ގޯލު ހުޅުވާލާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރަފީނިއާ އެވެ.
އަދި އޭގެ ހަތަރު މިނިޓް ފަހުން ރޮބަޓް ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑު ކޮށްފަ އެވެ. އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖޫލްސް ކޮންޑޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލު ކޮށްފަ އެވެ.
ދެވަނަ ހާފްގެ ކުޅުނު ފެށުނުތާ 19 ވަނަ މިނިޓުގައި ރަފީނިއާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ. އަދި މެޗުގެ 72 ވަނަ މިނިޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ހެޓްރިކް ހަދާފަ އެވެ.
ބާސެލޯނާ އަށް މި މެޗުގައި ޖަހައިދިން ހަވަނަ ލަނޑު މެޗުގެ 82 ވަނަ މިނިޓުގައި ކާމިޔާބުކޮށްފައިވަނީ ޑެނީ އޮލްމޯ އެވެ. މިއީ އޭނާ ބާސެލޯނާ އަށް ޖަހައިދިން ދެވަނަ ގޯލެވެ.
މި މެޗުގައި ބާސެލޯނާ އިން ޖެހި ހަތްވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް ފެރާން ޓޯރެސް ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ.
މި މެޗުން މޮޅުވުމާއެކު ހެންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބާސެލޯނާ އިން ވަނީ މި ސީޒަނުގައި ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދާފަ އެވެ. ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް ހަތަރު މެޗުން 8 ޕޮއިންޓް ލިބިފައިވާއިރު, އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ތިން މެޗުން ލިބިފައިވަނީ 5 ޕޮއިންޓެވެ.