މިއަހަރު 200 އަށްވުރެ ގިނަ ޖަމާޢަތްތެރިން ތަމްރީންކޮށްފި
މިއަހަރުގެ މިހާތަނަށް 200 އަށްވުރެ ގިނަ ޖަމާޢަތްތެރިން ތާމްރީންކޮށްފައިވާކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ތަމްރީންކޮށްފިއެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަށުކަމާކެމީގެ ކަންކަން ކުރުމަށް ޖަމާޢަތްތެރިން ތަމްރީންކުރުމުގެ ޒިންމާ ސަރުކާރުން މަތިކޮށްފައި އޮންނަނީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއެވެ. ޖަމާޢަތްތެރިންނަކީ މީހަކު މަރުވުމުން އޭނާގެ ކަށުކަމާކެމީގެ އެކި ކަންކަންކުރާ މީހުންނެވެ.
ޖަމާޢަތްތެރިން ތަމްރީންކުރުމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އަބަދުވެސް ޕްރޮގްރާމްތައް ކުރިއަށްގެންދެއެވެ. ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، މިއަހަރުގެ މިހާތަނަށް 15 ރަށެއްގައި މިފަދަ ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފައިވާ ކަމަށާއި 200 އަށްވުރެ ގިނަ މީހުން ތަމްރީންކޮށްފައިވާ ކަމަށެވެ.
ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، މާލޭ ސަރަޙައްދަށް އަމާޒުކޮށްގެންވެސް ޖަމާޢަތްތެރިން ތަމްރީންކުރުމުގެ ޕްރޮގްރާމެއް މިހާރު ފަށާފައިވާ ކަަމަށެވެ. މިމަހުގެ 1 އިން ފެށިގެން 2 ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި 28 މީހުން ބައިވެރިވެފައިވާކަމަށް ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވިއެވެ.
ޖަމާޢަތްތެރިން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ކަށުކަމާކެމީގެ ކަންކަމާގުޅޭ ފިޤުހީ ޢިލްމުތައް ދަސްކޮށްދެވޭނެއެވެ. އެގޮތުން ހިނެވުމާއި، ކަށު ނަމާދުކުރުމާއި، ވަޅުލުމުގައި ޢަމަލުކުރަންޖެހޭ ގޮތް ކިޔަވައިދެވި ޢަމަލީ ތަމްރީންތަކެއް ބައިވެރިންނަށް ކުރިއަށް ގެންދެވޭނެކަމަށް ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވެއެވެ.