25 ނޮވެމްބަރު 2024

Advertisement

އެމެރިކާގެ ސިފައިން ޢިރާޤުން ފައިބަން އެއްބަސްވެއްޖެ

07 ސެޕްޓެމްބަރު 2024

ޢިރާޤުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން އެ ޤައުމުން ފައިބަން އެއްބަސްވެއްޖެއެވެ.

ޢިރާޤު ސަރުކާރުގެ މަސްދަރުތަކުން ބުނީ, އެ ޤައުމުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން ފައިބާނެ ތާވަލަކާއި ރޭވުމަކާ މެދު ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމުގައެވެ. ނަމަވެސް, ޢިރާޤު ސަރުކާރުން އެ ކަން ރަސްމީކޮށް ކަަށަވަރު ކޮށްދީފައެއް ނެތެވެ.

ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން 2025 ސެޕްޓެންބަރު މަހުގެ ކުރިން ޢިރާޤުގައި ތިބި އެތަކެއް ސަތޭކަ އެމެރިކާ ސިފައިން އެ ޤައުމުން ފައިބާނެއެވެ. އަދި, ބާކީ ތިބި ސިފައިން 2026ވަނަ އަހަރު ނިމުމުގެ ކުރިން ފައިބަން ޖެހޭނެ ކަމުގައި, ޢިރާޤުގެ މަސްދަރުތަކުން ބުންޏެވެ.

Advertisement

އެ ކަމާ ގުޅޭ ގޮތުން އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ބުނީ, ޢިރާޤުން ފޭބުމާ މެދު ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލެވިފައިވީ ނަމަވެސް, ތާރީޚުތަކާއި ތާވަލު އިޢުލާނު ކުރާނެ ވަކި ދުވަހަކާ މެދު ގޮތެއް ނިންމާފައި ނުވާ ކަމުގައެވެ.

ޢިރާޤުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންނާއި އިއްތިޙާދީ ލަޝްކަރުގެ ސިފައިން ފޭބުމާ ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ފެށުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަނާއި ޢިރާޤުގެ ބޮޑުވަަޒީރު މުޙައްމަދު ޝިޔާޢު އަލް-ސޫދާނީ ވަނީ އޭޕްރިލް މަހު އެއްބަސްވެފައެވެ

ޢިރާޤުގައި މި ވަގުތު ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންނަކީ ނިރުބަވެރިންގެ ޖަމާޢަތް, އައިއެސާ ދެކޮޅަށް 2014ވަނަ އަހަރު ފެށި ހަނގުރާމައިގައި ބައިވެރިވުމަށް ފޮނުވި ސިފައިންނެވެ. އޭގެ ތެރެއިން 2,500އެއްހާ އެމެރިކާ މިހާރު ވެސް ޢިރާޤުގައި ތިބިއިރު, އެ ޤައުމާ އިންވެގެން އޮތް ސޫރިޔާގައި ވެސް އެމެރިކާގެ 900އެއްހާ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އައިއެސްގެ ހަނގުރާމަވެރިން އަތްގަދަ ކޮށްފައިވާ ޢިރާޤުގެ ރަށްތައް މިނިވަން ކޮށްފައި ވަނީ 2017ވަނަ އަހަރުއެވެ.

އޭގެ ކުރިން, 2003ވަނަ އަހަރު ވެސް އެމެރިކާގެ އިސްތިޢުމާރީ ސިފައިން ވަނީ ޢިރާޤަށް އަރާފައެވެ. އަދި, އެ ޤައުމުގެ ރައީސް ސައްދާމް ޙުސައިން އަވަހާރަ ކޮށްލައި, އޭނާގެ ސަރުކާރު ވައްޓައިލާފައެވެ. އެ ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ ލަޝްކަރުން 2011ވަނަ އަހަރު އެ ޤައުމުން ފައިބާފައިވީ ނަމަވެސް, އައިއެސާ ދެކޮޅަށް ފެށި ހަނގުރާމައަށް 2014ވަނަ އަހަރު އަނެއްކާ ވެސް އެމެރިކާގެ އިސްތިޢުމާރީ ސިފައިން ވަނީ ފޮނުވާފައެވެ. ޢިރާޤަށް އަރައިގަނެފައިވާ އިއްތިޙާދީ ލަޝްކަރުގައި ދެން ހިމެނެނީ ޖަރުމަނުވިލާތާއި, ފަރަންސޭސިވިލާތާއި އިޓަލީވިލާތުގެ ސިފައިންނެވެ.

Advertisement

ކޮމެންޓް