23 ނޮވެމްބަރު 2024

Advertisement

ވިމެން އިން ޕޮލިސިންގ އަށް ތިން އަހަރު

17 ސެޕްޓެމްބަރު 2024

ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެން ފުލުހުންނާއި، އަންހެން މުވައްޒަފުން ބާރުވެރިކުރުވައި އޮޕަރޭޝަނަލް އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ އަންހެން ފުލުހުން އިތުރުކުރުވުމަށް މޯލްޑިވްސް ވިމެން އިން ޕޮލިސިންގ 2020 ވަނަ އަހަރުގެ ސެޕްޓެންބަރު 1 ވަނަ ދުވަހު އުފައްދާފައިވެއެވެ.

މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީއަކީ މަސައްކަތުގެ މާހައުލަށާއި ސިިޔާސަތުތަކަށް ގެނެވޭ ބަދަލުތައް ގެނައުމުގައި އަންހެން މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމަށާއި އަންހެން މުވައްޒަފުންގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ރަސްމީ ނިޒާމެއް ގާއިމުކުރުމަށް އުފައްދާފައިވާ ކޮމިޓީއެކެވެ. އަދި ރެކްރޫޓުކުރެވޭ އަންހެން ފުލުހުން އިތުރުކޮށް މުއައްސަސާގައި އަންހެނުންގެ ނިސްބަތް އިތުރުކުރުވުމާއި މަސައްކަތުގެ މާހައުލަކީ އަންހެނުންނާ ރައްޓެހި ފަހި މާހައުލަކަށް ހެދުމާއި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ އިތުރުން މުއައްސަސާގައި ނިންމާ ނިންމުންތަކުގައި އަންހެން މުވައްޒަފުން ބައިވެރިކުރުވުމާއި ފުލުހުންގެ ތެރޭގައި އަންހެނުންގެ ދައުރު ފުޅާކުރުން ވެސް މި ކޮމިޓީގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ފުލުހުންގެ ދާއިރާގައި އަންހެނުންގެ އަގުހުރި ދައުރު ދެނެގަތުމުގެ ފުރުސަތު ހޯދައިދީ، ގާނޫނު ތަންފީޒުކުރުމުގެ ތެރޭގައި ހަމަހަމަކަން ކުރިއެރުވުމުގެ ފުރުސަތު ފަހިކޮށް، ގާނޫނު ތަންފީޒުކުރުމުގައި ޖެންޑަރ އިންކްލޫސިވިޓީގެ މުހިންމުކަން ފާހަގަކޮށް، ފުލުހުންގެ މަސައްކަތުގައި އަންހެނުންގެ ކާމިޔާބީތައް ފާހަގަކުރުމާއެކު ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކޮށް، އެއްބައިވަންތަކަން އުފެއްދުމަށް ވާހަކަދައްކައި މަޝްވަރާކުރުމަށްޓަކައި ޕްލެޓްފޯމެއް ހޯދައިދީ އަންހެން އޮފިސަރުންނަށް ލީޑަރޝިޕްގެ ދައުރު އަދާކުރުމަށް ޝައުގުވެރިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަސް ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ފަރާތުން ކުލަގަދަކޮށްދަނީ ފާހަގަކުރަމުންނެވެ. އަދި އަންހެނުންނަށް ޕްރޮފެޝަނަލް އަދި އަމިއްލައަށް ކުރިއަރާނެ ސަޕޯޓިވް މާހައުލެއް ހޯދައިދީ ހިތްވަރުދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވެސް މަސައްކަތްތަކެއް ކުރަމުންދެއެވެ.

Advertisement

ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ކޮންމެ އަންހެން މުވައްޒަފަކީ ވެސް އަގު ނުކުރެވޭފަދަ މަސައްކަތްތަކެއް ކުރަމުންދާ މުވައްޒަފެކެވެ. އެންމެ ދަށް ރޭންކުން ފެށިގެން އެގްޒެކެޓިވް ލެވެލްގައި އަންހެން ފުލުހުން ހަރަކާތްތެރިވަމުންދެއެވެ. އެގޮތުން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމު ފުލުހުންގެ ތާރީހުގައި އެންމެ ފުރަތަމަ ލިބިފައިވަނީ، ފާތިމަތު ނަޝްވާ، އިޒްމިއާ ޒާހިރު އަދި މަރިޔަމް އަޒްމާއަށެވެ. ވިމެން އިން ޕޮލިސިންގ ކޮމެޓީގެ ރައީސް ފާޠިމަތު ނަޝްވާއަކީ މިހާރު ޗީޕް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއެކެވެ. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރުއަކީ ދިވެހި ފުލުހުންގެ ތާރީހުގައި ވެސް އެންމެ ފުރަތަމަ ޑިވިޜަން ކޮމާންޑަރު އަދި ފުލުހުންގެ ޚިދުމަތުގެ ސްޕޯކްސް ޕަރސަންގެ މަގާމު ފުރުއްވި އަންހެން އޮފިސަރެވެ. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒްމާއަކީ ފުލުހުންގެ ޚިދުމަތުގެ އެންމެ ފުރަތަމަ އަންހެން ޑްރައިވަރެވެ. މީގެ އިތުރުން އަތޮޅު ކޮމާންޑަރުކަމާއި މުހިންމު ބަހާތަކުގައި ވެސް މަސައްކަތް ކުރައްވާފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގައި، އަންހެން ފުލުހުންނާއި އަންހެން މުވައްޒަފުން ތަފާތު އެެކި ދާއިރާތަކުގައި އަގު ނުކުރެވޭފަދަ މަސައްކަތްތަކެއްދަނީ ކުރަމުންނެވެ. އަންހެނުންގެ ދައުރު ފުޅާވުމުން މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާތަކެއް ދަނީ ފެންނަމުންނެވެ. ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެތެރެއިން 20 އިންސައްތަ މުވައްޒަފުންނަކީ އަންހެން މުވައްޒަފުންނެވެ. 10 އިންސައްތަ މުވައްޒަފުންނަކީ މެނޭޖީރިއަލް ލެވެލްގައި މުއައްސަސާގައި މަސައްކަތްކުރަމުން އަންނަ އަންހެން މުވައްޒަފުންނެވ. އަދި 19 އިންސައްތަ މުވައްޒަފުންނަކީ ފްރޮންޓްލައިން އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވަމުން އަންނަ އަންހެން މުވައްޒަފުންނެވެ. ހަމައެހެންމެ 16 އިންސައްތަ އަންހެން މުވައްޒަފުން ޓެކްނިކަލް އެންޑް ފޮރެންސިކް ބަހާގައި މަސައްކަތްކުރަމުންއެވެ. އަދި 10 އިންސައްތަ އަންހެން މުވައްޒަފުން ހަރަކާތްތެރިވަމުންދަނީ އިންވެސްޓިގޭޝަން ދާއިރާގައެވެ.

ފުލުހުންގެ މުއައްސަސާގެ ހުރިހާ ދާއިރާއެއްގައި ވެސް އަންހެން މުވައްޒަފުންގެ ބަސް، ބައިވެރިވުން އަދި އިސް ނެގުމާއި މަސައްކަތްތެރިކަންދަނީ ފެންނަމުންނެވެ. އަދި މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމެޓީގެ ފަރާތުން އަންނަނީ އަންހެނުން ބާރުވެރިކުރުވުމާއި ބައިވެރިވުން އިތުރުކުރެވޭނެ މަގު ހޯދުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންނެވެ. އަންހެނުންގެ ގާބިލުކަމާއި ތަޖުރިބާތައް އިތުރުވަމުންދާ ވަރަކަށް އަންހެނުންގެ ތަޖުރިބާތައް ހިމެނޭ މައްސަލަތަކަށް ހައްލު ލިބުމުގެ މަގު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ހިންގާ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު އަންހެން މުވައްޒަފުންނަށް ހޯދައިދިނުމަށް މަސައްކަތްކުރުމާއި، އަންހެން ފުލުހުން އަދި މުވައްޒަފުން ބިނާކޮށް ފުލުހުންގެ ވަޒީފާގައި ދެމިތިބުމަށް ބާރުއަޅައި ކުރިއަށް ދިއުމުގައި ހިތްވަރުދީ، ކެރިއަރ ޕާތްވޭ އަދި ކެރިއަރ ގައިޑަންސް ދިނުމަކީ ވެސް ކޮމެޓީން ކުރަމުން ގެންދާ މަސައްކަތެކެވެ.

Advertisement

ކޮމެންޓް