ޗެމްޕިއަން ރިއާލް ފެށީވެސް މޮޅަކުން
ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްޓަޓްގާޓާ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން މޮޅަކާ އެކު މުބާރާތް ފަށައިފި އެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1ންނެވެ. މެޗުގައި ދެ ޓީމުގެ ލަނޑުތައް ވެސް ފެނުނީ ދެ ވަނަ ހާފުގަ އެވެ.
ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ފްރާންސްގެ ކީލިއަން އެމްބާޕޭ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރޮޑްރީގޯ އެވެ. އޭގެ ފަހުން މެޗުގެ 68 ވަނަ މިނެޓުގައި ސްޓަޓްގާޓުން ވަނީ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެއީ ޑެނިސް އުންޑާވް ޖެހި ލަނޑުންނެވެ.
ނަމަވެސް، މެޗުގެ 83 ވަނަ މިނެޓުގައި ދެ ވަނަ ފަހަރަށް ރެއާލަށް ކުރި ހޯދައިދިނީ އެންޓޯނިއޯ ރޫޑިގާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ލޫކް މޮޑްރިޗް އެވެ. މެޗުގައި ރެއާލްގެ ތިން ވަނަ ލަނޑު، ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ އެންޑްރިކް އެވެ.
މިއީ އައު ފޯމެޓުގެ ދަށުން ޗެމްޕިއަންސް ލީގު ކުޅޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 32 ޓީމު ގުރޫޕުތަކަށް ބަހާލައިގެން ކުޅެމުން އައި އުސޫލުގެ ބަދަލުގައި، މިހާރު ކުޅެމުން ދަނީ 36 ޓީމާ އެކު ރޭންކު ކުރެވޭ ލީގު އުސޫލެއްގެ ދަށުންނެވެ.