އަޑު
އަހަރުމެންނަށް އިވޭ ގިނަ އަޑުތަކަކީ ދަތުރުކުރަމުންދާ ވައިގެ އަޑުތަކެވެ. ވައިރޯޅިތަކުން އިވޭ އަޑުން ފެށިގެން މަތިންދާބޯޓުން އިވޭ އަޑުތަކާ ހިސާބަށް ވެސް އޮތީ ހަމަ މިހެންނެވެ. ކޮންމެ ގޮތަކަށް އަޑެއް އިއްވާލާ ކަމެއް ކުރިއަސް އޭގެން ވައިގެ ތެރޭގައި ވައިބްރޭޝަންތަކެއް އުފައްދައެވެ. މި އުފެދިން އަންނަ ވައިބްރޭޝަންތަކާއެކު އެ އިވޭ އަޑުތައް އަހަރުމެންގެ ކަންފަތްތަކާ ހިސާބަށް ވާސިލްވެއެވެ.
އަހަރުމެންގެ ކަންފަތްތަކާ ހިސާބަށް އަޑުތައް ފޯރުކޮށްދޭ، ވައިގެ ތެރޭގައި އަޑުތައް އުފުލައިދޭ ވައިބްރޭޝަނަށް ކިޔޭ ނަމަކީ ސައުންޑް ވޭވްސްއެވެ. ސައުންޑްވޭވްސް ވައިގެ ތެރޭގައި ދަތުރުކުރަނީ ވައިގެ މޮލެކިއުލްސް އެކުއެކީ ފިއްތާލައިގެންނެވެ. ސައުންޑް ވޭވްސްއިން ވައިގެ މޮލެކިއުލްސް އެކުއެކީ ފިއްތާލުމަށްފަހު ސްޕްރިންގެއް ފަދައިން މި މޮލެކިއުލްސް ދަމާލައެވެ. މިހެން ސައުންޑް ވޭވްސްއިން ފިއްތާލާ ވައިގެ ބަޔަށް ކިޔެނީ ކޮންޑެންޒޭޝަނެވެ. ހަމައެއާއެކު ސައުންޑް ވޭވްސްއިން ދަމާލާ ވައިގެ ބަޔަށް ކިޔެނީ ރެއަރފެކްޝަނެވެ.
ސައުންޑް ވޭވްސްއަކީ ހަމައެކަނި ވައިގެ ތެރޭގައި ދަތުރުކުރާ އެއްޗެއް ނޫނެވެ. މިއީ ސޮލިޑް އަދި ލިކުއިޑް ތެރޭގައި ވެސް ދަތުރުކުރާ އެއްޗެކެވެ. ވައިގެ ތެރޭގައި ަތުރުކުރާ ބާރުމިނަށްވުރެ ސޮލިޑް އަދި ލިކުއިޑް ތެރޭގައި ސައުންޑް ވޭވް ދަތުރު ކުރާލެއް ބާރުވެގެންވެއެވެ. މިހެން މިކަން ވަނީ ސޮލިޑް އަދި ލިކުއިޑްގައި މޮލެކިއުލްސް ބިނާވެފައި ހުންނަވަރު ގާތްވުމުންނެވެ.
މި ދުނިޔޭގެ ޖައްވު ފަދައިން ހުސްކޮށް ހުންނަ ތަންތަން ނުވަތަ "ވެކިއުމް" ތަކުގައި އޮންނާނީ ހަމަހިމޭންކަމެވެ. މި ފަދައިން ވެކިއުމްތަކުގައި އަޑު ދަތުރު ނުކުރަނީ އަޑު އުފުލަދޭ މޮލެކިއުލްސް މި ވެކިއުމްތަކުގައި ނުހުންނާތީއެވެ. އަލި ދަތުރުކުރާ ބާރުމިނުގައި އަޑަށް ދަތުރު ނުކުރެވުނު ކަމުގައި ވިޔަސް ވެސް އަޑަކީ ބާރަށް ދަތުރުކުރާ އެއްޗެކެވެ. ވައިގެ ތެރޭގައި އަޑު ދަތުރުކުރާ ބާރުމިނަކީ ސުކުންތެއް ތެރޭގައި 344 މީޓަރެވެ. މިއީ ޖައްވުގެ ޓެމްޕަރޭޗަރު 20 ޑިގްރީ ސެލްސިއަސްގައި ހުންނަ ނަމައެވެ. ޖައްވުގެ ޓެމްޕަރޭޗަރު ހޫނުވާ ވަރަކަށް އަޑު ދަތުރުކުރާ ބާރުމިން އިތުރު ވެގެންދެއެވެ. މިގޮތުން 100 ޑިގްރީ ސެލްސިއަސްގައި އަޑަކީ ސިކުންތެއް ތެރޭގައި 386 މީޓަރު ދަތުރުކުރާ އެއްޗެކެވެ.
ސާފު ފެނުގެ ތެރޭގައި އަޑު ދަތުރުކުރާ ބާރުމިނަކީ ސިކުންތެއް ތެރޭގައި 1500 މީޓަރެވެ.
ހަމައެއާއެކު ސޮލިޑް ދަގަނޑު ތެރެއިން އަޑު ދަތުރުކުރާ ބާރުމިނަކީ ސިކުންތެއް ތެރޭގައި 6000 މީޓަރެވެ. އަޑަކީ އައްޔަށް ވުރެން އެއް މިލިއަން ގުނަ ލަހުން ދަތުރުކުރާ އެއްޗެކެވެ. މޫސުން ގޯސް ދުވަހެއްގައި ގުގުރާލާ އަޑުގެ ކުރިން ވިދުވަރު ފެންނަނީ މި ސަބަބާ ހުރެއެވެ. މި ދެ ކަމަކީ ވެސް އެއް ވަގުތެއްގައި ހިނގާ ދެ ކަމެވެ. މިހާރުގެ މަސްބޯޓުތަކުން މަސް އައިނުތަކުގެ، ނުވަތަ އެހެން އެއްޗެއް ކަނޑު އަޑީގައި އުޅޭ ފުންމިނެއް ބަލާލަން ސޯނަރގެ ބޭނުން ކުރެއެވެ. ސޯނަރއިން މި އެއްޗެހި ހުރި ފުންމިނެއް ބެލުމަށްޓަކައި މި އެއްޗެއްސަށް އަމާޒުކޮށް ސައުންޑް ވޭވްތަކެއް ފޮނުވާލައެވެ. އަދި އެ އެއްޗެއްގައި ސައުންޑްވޭވް ޖެހި އަނބުރައި ބޯޓާ ހިސާބަށް ވާސިލް ވާން ނަގާ ވަގުތު ބަލާ ފުންމިން އަންދާޒާ ކުރެއެވެ.