ޔޫރޮޕާ ލީގުގެ ފުރަތަމަ މެޗުން ޔުނައިޓެޑް އެއްވަރު ވެއްޖެ
ޔޫއެފާ ޔޫރޮޕާ ލީގުގައި ނެދަލޭންޑްސްގެ ޓްވެންޓް އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.
މެންޗެސްޓަރގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެންޗެސްޓަރ ޔުނައިޓެޑްއިންނެވެ. މި ލަނޑު މެޗުގެ 35 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކްރިސްޓިއަން އެރިކްސަން އެވެ.
ނަމަވެސް މެޗުގެ 68 ވަނަ މިނިޓުގައި ޓްވެންޓްގެ ސޭމް ލަމާސް ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ އެރިކްސަން އަށް ހެދުނު ގޯހެއްގެ ފައިދާ ނެގުމަށްފަހުގަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް އެރިކް ޓެންހާގްގެ ކުރީގެ ކްލަބާއި ދެކޮޅަށް ކުޅެން އުނދަގޫ ވާނެކަމަށް އޭނާ ވަނީ މެޗުގެ ކުރިން ބުނެފަ އެވެ.
މެޗުން ތިން ޕޮއިންޓް ހޯދުމަށް މެންޗެސްޓަރ އިން ކުޅުން ރަގަޅުކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް މެޗުގެ ފަހު ވަގުތު ފޮނުވާލި ނަމަވެސް ޓްވެންޓްގެ ކީޕަރު ވަނީ މޮޅު ކުޅުމެއް ދައްކާ އެ ހަމަލަތައް ދިފާއުކޮށްފަ އެވެ. އެގޮތުން ޖޯޝުއާ ޒިރްކްޒީ އާއި ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލަތައް ކީޕަރު އުނަސްޓޯލް ވަނީ ދިފާއުކޮށްފަ އެވެ.
މި މުބާރާތުގައި މެންޗެސްޓަރ ޔުނައިޓެޑް އަންނަ އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހު ނިކުންނާނީ ޕޯޗުގަލްގެ ޕޯޓޯ އާއި ދެކޮޅަށެވެ.