އަލްވަރޭޒްގެ ލަނޑުން އެތުލެޓިކޯ މޮޅުވެއްޖެ
ސްޕެނިޝް ލީގުގައި ރޭ ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން އެތުލެޓިކޯ މެޑްރިޑް މޮޅުވެއްޖެއެވެ.
މި މެޗުން މޮޅުވުމާއެކު އެތްލެޓިކޯ މެޑްރިޑް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުން 15 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ އަށް އަރާފަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާއަށް ހަތް މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު, ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 17 ޕޮއިންޓެވެ.
ރަށުން ބޭރުގައި އެތްލެޓިކޯ މެޑްރިޑް ކުޅުނު މި މެޗުގައި ސެލްޓަވީގޯ އިން ވަނީ ރަގަޅު ކުޅުމެއް ދައްކާ ގިނައިރު ބޯޅަ ހިފަހައްޓާ ނުރައްކާތެރި ގިނަ ހަމަލަތަކެއް އެތްލެޓިކޯގެ ގޯލަށް އަމާޒުކޮށްފަ އެވެ. ނަމަވެސް އެތްލެޓިކޯ މެޑްރިޑްގެ ކީޕަރު ޖޭން އޮބްލަކް ވަނީ ސެލްޓަވީގޯ ނުރައްކާތެރި ހަތަރު ހަމަލައެއް ދިފާއުކޮށްފަ އެވެ.
މި މެޗުގައި އެތްލެޓިކޯ މެޑްރިޑަށް އެދެވޭ ކުޅުމެއް ދެއްކިފައިނުވާތީ ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ކޯޗް ޑިއެގޯ ސިމިއޯނީ ވަނީ ކެޕްޓަން ކޯކޭ ގެ ބަދަލުގައި ހޫލިއަން އަލްވަރޭޒް ކުޅެން އަރުވާފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފަހު މިނިޓުގައި އެތްލެޓިކޯ މެޑްރިޑަށް ކާމިޔާބުކޮށްދީފައިވަނީ ގްރެއިޒްމަންގެ އެސިސްޓަކުން ހޫލިއަން އަލްވަރޭޒް އެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ އަރިމަތިން ގްރެއިޒްމަން ނަގައިދިން ހުރަސް އޭރިޔާ ތެރޭގައި ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މީގެ އިތުރުން ސްޕެނިޝް ލީގުގައި ރޭ އެސްޕަނިއޯލް އާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ވިޔަރެއާލް އެވެ.