އާސެނަލުން ޕީއެސްޖީ ބަލިކޮށްފި
ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލުން 2-0 އިން ޕީއެސްޖީ ބަލިކޮށްފި އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 20 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކައި ހަވެޓްޒް އެވެ. މިއީ ލިއަންޑްރޯ ޓްރޮސާޑް ޕީއެސްޖީގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވެ ޕީއެސްޖީގެ ފުލްބެކް ނޫނޯ މެންޑޭސް ވަނީ އާސެނަލްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފަ އެވެ. އެ ހަމަލާ އަމާޒުވީ އާސެނަލްގެ ގޯލުގެ ދަނޑި އަށެވެ.
އާސެނަލުން މި މެޗުގައި ކާމިޔާބުކުރި ދެވަނަ ގޯލަކީ މެޗުގެ 35 ވަނަ މިނެޓްގައި ޕީއެސްޖީގެ އޭރިއާގެ ބޭރުން ލިބުނު ހިލޭޖެހުމަކުން ބުކާޔޯ ސަކާ ކާމިޔާބުކޮށްދިން ގޯލެކެވެ.
މެޗުގެ ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އާސެނަލްގެ ގެބްރިއަލް މާޓިނެއްލީ އަށެވެ. ނަމަވެސް ޕީއެސްޖީގެ އޭރިއާ ތެރޭ ހުރެ ބާރަށް ފޮނުވާލި ހަމަލާ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާ ވަނީ މަތަކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީން 4-0 އިން ސްލޮވަން ބްރަޓްސްލާވާގެ މައްޗަށް ކުރި ހޯދިއިރު، ބާސެލޯނާ އިން ވަނީ 5-0 އިން ޔަންގް ބޯއީސް ބަލިކޮށްފަ އެވެ. އަދި ބްރޫޝިއާ ޑޯޓްމަންޑުން 7-1 އިން ސެލްޓިކް ބަލިކުރިއިރު، އިންޓަ މިލާނުން ވަނީ 4-0 އިން ސެރްވޭނާ ޒެޒްދާގެ މައްޗަށް ކުރި ހޯދާފައެވެ. ބަޔާ ލެވަކޫސަނުން އަމިއްލަ ދަނޑުގައި ރޭ އޭސީ މިލާން ބަލިކުރީ 1-0 އިންނެވެ.