އެސްޓަންވިލާ ކައިރިން ބަޔާން އަށް ސަލާމަތެއް ނުވެވުނު
ޗެމްޕިއަންސް ލީގުގައި ރޭ އެސްޓަންވިލާ އިން 1-0 އިން ޖަރުމަނުގެ ބަޔާން މިއުނިކް ބަލިކޮށްފި އެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވިލާ އިން ވަނީ 3-0 އިން ޔަންގް ބޯއިސް ބަލިކޮށްފަ އެވެ. ބަޔާނުން ވަނީ ފުރަތަމަ މެޗުގައި ޑައިނަމޯ ޒަގްރެބްގެ މައްޗަށް 9-2 އިން ކުރި ހޯދާފަ އެވެ.
ވިލާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ދެ ޓީމަށް ވެސް މާގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ވިލާ އަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ޖޯން ޑުރާން އެވެ. މެޗުގެ 79 ވަނަ މިނެޓްގައި ޑުރާން މި ގޯލު ކާމިޔާބު ކުރީ ބަޔާންގެ ގޯލްކީޕަރު މެނުއަލް ނޯޔާގެ ބޯމަތިން ފޮނުވާލި ހަމަލާއެއް ގޯލަށް ވައްދާލައިގެންނެވެ.
މެޗުގެ ފަހު ވަގުތުކޮޅުތެރޭ ބަޔާންގެ ފޯވާޑް ހެރީ ކޭން ބޮލުން ވިލާގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ވިލާގެ ގޯލްކީޕަރު އެމީ މާޓިނޭޒް ވަނީ އެ ހަމަލާ މަތަކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލުން 2-0 އިން އިޓަލީގެ ބޮލޯންޔާ ބަލިކުރިއިރު، ބެންފީކާ އިން ވަނީ 4-0 އިން އެތްލެޓިކޯ މެޑްރިޑް ބަލިކޮށްފަ އެވެ. އަދި ޔުވެންޓަސް އިން ވަނީ ފަހަތުން އަރާ 3-2 އިން ރެޑްބުލް ލީޕްޒިގް ބަލިކޮށްފަ އެވެ.