ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ވެމްކޯ އަށް
ރާއްޖޭގައި ބާއްވާ އެންމެ ޒަމާންވީ ފޯރިގަދަ، ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ވެމްކޯ އިން ހޯދައިފި އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ވެމްކޯ އިން ހޯދީ ރޭ ކުޅުނު ފައިނަލްގައި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އަތުން 4-1 އިން މޮޅުވެގެންނެވެ. މިއީ މި މުބާރާތް ވެމްކޯ އިން ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގައި ވެމްކޯ އިން ޖެހި ހަތަރު ގޯލުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށް އަލީ ޝިޔާހު (ޝިޔާ) ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ވެމްކޯގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.
އާރްއާރްސީގެ ހަމައެކަނި ކާމިޔާބުކޮށްދިނީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ވެމްކޯ ޓީމަށް ތަށި ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
މުބާރާތުގެ ކިންގް އޮފް ފުޓްސަލް އަށް ހޮވިފައިވަނީ ވެމްކޯގެ އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ. އެންމެ މޮޅު ކޯޗަކީ ވެމްކޯ ޓީމުގެ އަހުމަދު ތޯހާ އެވެ. އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ އާރްއާރްސީގެ ބިޗަޑް އެވެ. އޭނާ ވަނީ މި މުބާރާތުގައި 10 ގޯލު ކާމިޔާބުކޮށްފަ އެވެ.