ކަޝްމީރުގައި ބަޑިޖަހައި ހަތް މީހުން މަރައިލައިފި
އިންޑިޔާގެ ކަޝްމީރު ސަރަޙައްދުގައި ހަތިޔާރު އެޅި ނިރުބަވެރިންގެ ޖަމާޢަތަކުން ދިން ބަޑީގެ ޙަމަލާތަކެއްގައި ހަ ބިދޭސީންނާއި ޑޮކްޓަރެއް މަރައިލައިފިއެވެ. ހަތިޔާރު އެޅި ގުރޫޕަކަށް ނިސްބަތްވާ ބަޔަކު ބަޑީގެ ޙަމަލާތައް ދީފައި ވަނީ ޓަނަލެއް ބިނާ ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ސަރަޙައްދެއްގައެވެ. ޙަމަލާތަކުގައި މަރައިލާފައިވާ ހަ ބިދޭސީންނަކީ އެ މަޝްރޫޢުގެ ދަށުން މަސައްކަތް ކުރާ މީހުންނެވެ.
ކަޝްމީރު ސަރަޙައްދުގައި ބަޑީގެ ޙަމަލާތަކެއްދީ, ގިނަ އަދަދެއްގެ ބަޔަކު މަރައިލާފައި މި ވަނީ, ޖައްމޫ އަދި ކަޝްމީރާއި ލައްދާކަކީ ވަކިން ވެރިކަން ކުރާ ދެ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުމަށް ފަހު, ދަހަރެއްހާ ދުވަސް ފަހުން އެ ސަރަޙައްދުގައި ޢާންމު އިންތިޚާބެއް ބާއްވާފައިވާ ދަނޑިވަޅެއްގައެވެ. އަދި, އިންތިޚާބަށް ފަހު އައު ސަރުކާރެއް އެކުލަވައިލިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
ލައްދާކަކީ ޕާކިސްތާނާއި ޗައިނާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ސަރަޙައްދެކެވެ. ނިރުބަވެރިންގެ ޙަމަލާތަކުގައި މަރައިލާފައިވާ ހަ ބިދޭސީންނަކީ, އެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ހިންގާ މަޝްރޫޢެއްގެ ދަށުން ޓަނަލެއް ބިނާ ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ބަޔެކެވެ. "ހަތިޔާރު އެޅި ދެ މީހަކު ވަނީ, އަމިއްލަ ކުންފުންޏަކުން ހިންގާ އޮފީހުގެ މެސް ހޯލަށް ވަދެ, އެ ތަނުގައި ކާން ތިބި މީހުންނަށް އަމާޒުކޮށް ބަޑި ޖަހާފައި," ކަޝްމީރުގެ ފުލުހުންގެ އިދާރާގެ އޮފިޝަލަކު ބުންޏެވެ.
މަރައިލާފައިވާ ބިދޭސީންގެ އިތުރުން ޑޮކްޓަރަކީ ވެސް ޓަނަލް ބިނާ ކުރުމުގެ މަޝްރޫޢު ހިންގާ ކުންފުންޏަށް ނިސްބަތްވާ މީހެއް ކަމުގައި ފުލުހުން އޮފިޝަލު ބުންޏެވެ. އެ ޙަމަލާތަކުގައި އިތުރު ފަސް މީހަކު ޒަޚަމުވިއެވެ. އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ދި ރެސިސްޓެންސް ފްރަންޓް (ޓީއާރްއެފު)ން ވަނީ ޙަމަލާތަކުގެ ޒިންމާ އުފުލާފައެވެ. އެއީ, ޕާކިސްތާނުގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ ލަޝްކަރު ޠަޔިބާއާ ގުޅުން އޮންނަ ޖަމާޢަތެކެވެ.
އިންޑިޔާގެ ދާޚިލީ ވަޒީރު އަމިތު ޝާހު ވަނީ އެ ޙަމަލާތައް ކުށްވެރި ކުރައްވާފައެވެ. އަދި, އެ ކަމުގައި ޒިންމާވާ މީހުން ހޯދައި, އެ މީހުންނަށް ހަރުކަށި އަދަބު ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ކަޝްމީރަކީ އިންޑިޔާއާއި ޕާކިސްތާނާ ދެމެދު މިލްކުވެރިކަމާ މެދު ދެބަސްވުން އުފެދިފައިވާ ސަރަޙައްދެކެވެ. ކަޝްމީރު ދެ ބަޔަކަށް ބަހައިލާފައިވާއިރު, ދެ ބައިގައި ވެރިކަން ކުރަނީ ދެ ޤައުމުންނެވެ. އޭގެ ތެރެއިން އިންޑިޔާއިން ވެރިކަން ކުރާ ފަޅިއަކީ ހަމަނުޖެހުން ބޮޑު ސަރަޙައްދެކެވެ. އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ދަނީ, އިންޑިޔާގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.
ޖުލައި މަހު ވެސް ހަތިޔާރު އެޅި ޖަމާޢަތަކުން ކަޝްމީރުގައި އިންޑިޔާ ސިފައިންނަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދިނެވެ. އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ, ބޮޑުވަޒީރު ކަމުގެ މަޤާމުގެ ތިންވަނަ ދައުރަކާ ހަވާލުވެ ވަޑައިގެންނެވިތާ މަހެއްހާ ދުވަސް ފަހުން ދިން އެ ޙަމަލާތަކުގައި ސިފައިންގެ ނުވަ މީހުން މަރައިލިއެވެ. ކަޝްމީރުގައި އޮންނަ އޯކިޑު ދަނޑުތަކާއި, ހަނޑޫ ދަނޑުތަކުގެ އިތުރުން ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ދަށުން މަސައްކަތް ކުރާ ބިދޭސީންނަށް އަމާޒުކޮށް ވެސް ޙަމަލާތައް ދީފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.