އެމެރިކާއިން ދެމުން ދިޔަ އިންޒާރުތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހު އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން ރަޝިޔާއަށް ގޮސްފިއެވެ. ކިމް އެންމެ ފަހުން ރަޝިޔާއަށް ދަތުރު ކޮށްފައި ވަނީ 2019 ވަނަ އަހަރުއެވެ. އެއިރު، އުތުރު ކޮރެޔާއަށް އޮތީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ފިއްތުންތަކާ ކުރިމަތިވެފައެވެ. އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ ރަޝިޔާގެ އެއްބާރުލުމާ ވެސް އެކުގައެވެ.ނަމަވެސް، ކިމްއާ އެކު އެއިރު ބޭއްވެވި ބައްދަލުވުމުގައި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް ލުއިކޮށްދޭން މަސައްކަތް ކުރައްވާނެ ކަމުގައެވެ. އަދި، އެމެރިކާއާއި ޗައިނާއާ ގުޅިގެން އެ ކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައެވެ.މި ފަހަރު ކިމް ރަޝިޔާއަށް ގޮސްފައި މި ވަނީ ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ޕުޓިން ބޮޑު ހަނގުރާމައެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ވަގުތެއްގައެވެ.ކިމް ރަޝިޔާއަށް ކުރާ ދަތުރުގައި ޕުޓިންއާ ބައްދަލު ކުރާނެއެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔުމަށް ރަޝިޔާއިން ބޭނުންވާ އަސްކަރީ އެހީތެރިކަމާއި ހަތިޔާރު ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. އަދި، ޓެކްނޮލޮޖީގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމެވެ.ކިމް ރަޝިޔާއަށް ގޮސްފައި މި ވަނީ، ރަޝިޔާއަށް ހަތިޔާރު ވިއްކުމާ ދެކޮޅަށް އެމެރިކާއިން އެތަކެއް އިންޒާރެއް ދެމުންދާ ދަނޑިވަޅެއްގައެވެ. ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދިނުމަކީ އުތުރު ކޮރެޔާއަށް މި ވަގުތު ހެދޭނެ އެންމެ ބޮޑު ގޯސް ކަމުގައި އެމެރިކާއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ. އަދި، ރަޝިޔާއަށް ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފި ނަމަ އުތުރު ކޮރެޔާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ.ކިމް ރަޝިޔާއަށް ދަތުރު ކޮށްފައި ވަނީ އޭނާގެ އަމިއްލަ ރޭލުގައެވެ. އެއީ، ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައިވާ ރޭލެކެވެ. އޭގައި ހަތިޔާރާއި ދިފާޢީ ނިޒާމުތައް ހުރެއެވެ. އަދި، ހެލިކޮޕްޓަރުތައް ވެސް ހުންނަ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އޭނާއާ އެކު އުތުރު ކޮރެޔާގެ ހަތިޔާރު އުފައްދާ ސިނާޢަތުގެ އިސް މީހުން ވެސް ދަތުރުކުރާ ކަމުގައި އެ ޤައުމުގެ ދަޢުލަތުގެ މީޑިޔާއިން ރިޕޯޓު ކުރެއެވެ.ކިމް ޤައުމު ދޫކޮށް ބޭރު ޤައުމަކަށް ދަތުރު ކޮށްފައި ވަނީ މަދު ފަހަރަކު ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އޭނާގެ ވެރިކަމަށް 12 އަހަރު ފުރިފައިވާއިރު، އުތުރު ކޮރެޔާ ދޫކޮށް އޭނާ ބޭރު ޤައުމަކަށް ދަތުރު ކޮށްފައި ވަނީ އެންމެ ހަތް ފަހަރެވެ. އޭގެ ތެރެއިން ދެ ފަހަރު ސަރަޙައްދީ ރޮނގު ހުރަސްކޮށް އެތެރެވެފައި ވަނީ ދެކުނު ކޮރެޔާއަށެވެ. ދެން ގިނައިން ގޮސްފައި ވަނީ ޗައިނާއަށެވެ.މިހާރު ރަޝިޔާއަށް ކުރަމުންދާ ދަތުރުގައި އޭނާއާ އެކު އުތުރު ކޮރެޔާގެ ދިފާޢީ ވުޒާރާއާއި އަސްކަރިއްޔާގެ އިސް ޖެނެރަލުންގެ އިތުރުން ޚާރިޖީ ވުޒާރާގެ އިސް މީހުން ބައިވެރިވާ ކަމުގައި ޖަޕާނުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.ކިމްގެ ދަތުރާ ގުޅޭ ގޮތުން ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާނު ދްމީތްރީ ޕެސްކޮފް ވިދާޅުވީ، ކިމްގެ ދަތުރަކީ ފުރަމާނަ ދަތުރެއް ކަމުގައެވެ. އަދި، ކިމްގެ ދަތުރުގައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވަވާނެ ކަމުގައެވެ.މި ދަތުރާ ގުޅޭ ގޮތުން އެމެރިކާއިން ބުނީ، ކިމްއާއި ޕުޓިންގެ ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކޮށް، އުތުރު ކޮރެޔާގައި އުފައްދާ ހަތިޔާރު ގަންނަން ރަޝިޔާއިން އެއްބަސްވާނެ ކަމަށް ބެލެވޭ ކަމުގައެވެ. އަދި، ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި އުތުރު ކޮރެޔާގެ ހަތިޔާރު ބޭނުން ކުރާނެ ކަމަށް ބެލެވޭ ކަމުގައެވެ.ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ހަނގުރާމައަށް 566 ދުވަސް ފާއިތުވެފައިވާއިރު، ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ މައި ތިން ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ.އެއީ އިރުމަތީގައިވާ ދޮންބާސްގައި ހިމެނޭ މައި ދެ ސަރަޙައްދު ކަމުގައިވާ ލުހާންސްކާއި ޑޮނެޓްސްކުގެ އިތުރުން ދެކުނުގައިވާ ޒަޕޮރީޜިޔާއެވެ. ރަޝިޔާއިން ވެރިވެގަނެފައިވާ ސަރަޙައްދުތައް މިނިވަން ކުރަން ޔޫކްރެއިނުން މިހާރު ދަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ހަމަލާގެ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ.