ވިނީގެ ހެޓްރިކާއެކު މެޑްރިޑް މޮޅުވެއްޖެ
ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑުން 5-2 އިން ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް ކުރި ހޯދައިފި އެވެ.
ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު، ޑޯޓްމަންޑުން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފަ އެވެ. މެޗުގެ 30 ވަނަ މިނެޓްގައި ޑޯޓްމަންޑްގެ ފުރަތަމަ ގޯލު ޑޮންޔެލް މާލަން ކާމިޔާބުކޮށްދިން އިރު، އޭގެ ހަތަރު މިނެޓް ފަހުން އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ޖޭމީ ގިޓެންސް އެވެ.
ދެވަނަ ހާފުގައި ރެއާލުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ދިޔައީ ޑޯޓްމަންޑްގެ ފަހަތަށް ބާރު ބޮޑު ކުރަމުންނެވެ. އެގޮތުން ކިލިއަން އެމްބާޕޭ ނަގައިދިން ހުރަހަކުން މެޗުގެ 60 ވަނަ މިނެޓްގައި ރެއާލްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ރުޑިގާ އެވެ. އޭގެ ދެ މިނެޓް ފަހުން ރެއާލަށް ނަތީޖާ އެއްވަރުކޮށްދިނީ ވިނީޝަސް ޖޫނިއާ އެވެ.
ރެއާލަށްލީޑު ނަގައިދިން ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލޫކަސް ވަޒްކުއޭޒް އެވެ. ރެއާލްގެ ހަތަރުވަނަ ގޯލު އޭގެ ތިން މިނެޓް ފަހުން ވިނީޝަސް ކާމިޔާބުކޮށްދިން އިރު، މެޗުގެ ފަހު ވަގުތުކޮޅުތެރޭ އޭނާ ވަނީ ރެއާލްގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދިނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލުން ވަނީ 1-0 އިން ޝަހްތަރު ޑޮނެޓްސްކް ބަލިކޮށްފަ އެވެ. ޕީއެސްޖީ އާއި ޕީއެސްވީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމުނުއިރު، ސްޓުޓްގާޓުން ވަނީ 1-0 އިން ޔުވެންޓަސްގެ މައްޗަށް ކުރި ހޯދާފަ އެވެ. އަދި އޭސީ މިލާނުން ވަނީ އަމިއްލަ ދަނޑުގައި ކްލަބް ބްރޫޖް 3-1 އިން ބަލިކޮށްފަ އެވެ.