ފަލަސްޠީނާއި މާތް ޙަރަމުއްޝަރީފް އިސްތިޢުމާރުކޮށްގެންއުޅޭ އިސްރާއީލުގެ ޔަހޫދީ ސިފައިން މަސްޖިދުލްއަޤްޞޯގައި ނަމާދުކުރަން ތިބި ފަލަސްޠީނު މީހުންނަށް ހަމަލާދީ މިސްކިތުގެ ތެރެއަށް ވަދެގެންފި އެވެ.
އިސްރާއީލުގެ ފުލުހުންނާއި ސަލާމަތީ ބާރުތަކުގެ ސިފައިން މިސްކިތުގެ ތެރެއަށް ވަދެގަނެ ނަމާދުކުރަން ތިބި މީހުންނަށް ހަމަލާދިނީ ބާރުގަދަ ގޮވާއެއްޗެއް ކަމުގައިވާ ސްޓަން ގްރެނޭޑް ބޭނުންކޮށްގެންނެވެ. އެއަށްފަހު ނަމާދުކުރަން ތިބި މީހުންގެ ގައިގައި މުގުރުން ތަޅާ މީހުންތައް ދަމާފައި މިސްކިތުން ނެރުނެވެ.
ޔަހުދީ ސިފައިން އާންމުކޮށް ކޮންމެ ރަމަޟާން މަހަކު މުސްލިމުންގެ މެދުގައި ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދުލްއަޤްޞޯ އަށް ހަމަލާދިނުމަކީ މިފަހަކަށް އައިސް ކުރަމުން އަންނަ ކަމެކެވެ. ޔަހޫދީ ސިފައިން މިސްކިތަށް ދިން ހަމަލާގައި އެތަކެއް މީހުން ވަނީ ޒަޚަމްވެފަ އެވެ. އެއަށްފަހު މިސްކިތުގައި ރޭއަޅުކަންކުރަން ތިބި މީހުންގެ ތެރެއިން 400 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އިސްރާއީލު ސިފައިން މިފަދަ ނުބައިގޮތަކަށް އަމަލުކޮށްފައި ވާތީ މިކަން ފަލަސްޠީނު ރައްޔިތުންނާއި ޢަރަބި ޤައުމުތަކުން ވަނީ ކުށްވެރިކޮށްފަ އެވެ. ޔަހޫދީ ސިފައިން މިސްކިތަށް ވަދެގަތް ސަބަބެއްކަމަށް އިސްރާއީލުން ބުނެފައި ވަނީ ފަލަސްޠީނު ޒުވާނުން މޫނު ނިވާކޮށްގެން އައިސް ހަމަނުޖެހުން ހިންގަން އުޅުމުން ކަމަށެވެ. ނަމަވެސް އިސްރާއީލުގެ މިވާހަކަތައް ޤަބޫލުކުރަން ދަތިވާ ކިތަންމެ ސަބަބެއް މިހާރަކަށް އައިސް ކަންހިނގަމުން އަންނަގޮތުން ވަނީ ފާހަގަކުރެވިފަ އެވެ. ޔަހޫދީންގެ ހައްދުފަހަނަޅާފައިވާ އަނިޔާވެރި ފިކުރުގެ މީހުން ޔަހޫދީ ދީނުގައި އޮންނަ ޢީދުލްފިޞްޙު ފާހަގަކުރަން މަސްޖިދުލްއަޤްޞޯއަށް ވަދެ ފާރުގައި ބޯތަޅާ ނަދުރުގޮވާ ކަންބަޅިކަތިލަން ބޭނުންވެގެން މިފަހަރުގެ ހަމަނުޖެހުންތައް ހިންގަން ފެށީކަމުގައި ބުނާ މީހުން ވަރަށް ގިނަ އެވެ.
ފަލަސްޠީނުގެ ބިންތަކުގެ ތެރެއިން އެންމެ މާތް ބިމެއްކަމުގައި މުސްލިމުންނާއި ޔަހޫދީން ވެސް ޤަބޫލުކުރަނީ މާތް ޙަރަމުއްޝަރީފްގެ ސަރަހައްދެވެ. މާތް ޙަރަމުއްޝަރީފާއި އިރުމަތީ ޤުދުސް އަދި ހުޅަނގު އައްސޭރިއާއި ޣައްޒާ އީސްރާއީލުން ހިފާފައި ވަނީ 1967ވަނަ އަހަރު ޢަރަބި ޤައުމުތަކާއި ކުރި ހަނގުރާމައިގައެވެ. 2021ވަނަ އަހަރުގެ މޭމަހު އިސްރާއީލާއި ފަލަސްޠީނުގެ ޖަމާޢަތްތަކާއި ދެމެދު ކުރެވުނު 11 ދުވަހުގެ ހަނގުރާމަ ފެށެން ދިމާވި ސަބަބަކީ ވެސް އިންރާއީލު ސިފައިން މަސްޖިދުލްއަޤްޞޯ އަށް ހަމަލާތައް ދޭން ފެށުމުންނެވެ.