ފްރާންސްގައި އައު ބޮޑުވަޒީރެއް އައްޔަން ކޮށްފި
ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން އެ ޤައުމުގެ އައު ބޮޑުވަޒީރަކަށް ފްރާންސުއާ ބައިރޫ ޢައްޔަންކުރައްވައިފިއެވެ. މިކަން އިއުލާންކުރެއްވީ ހުކުރު ދުވަހު ރައީސް އޮފީހުގެ ފަރާތުންނެވެ.
މިއީ ފާއިތުވި ހަފްތާގައި ޕާލަމެންޓުން ކުރީގެ ބޮޑުވަޒީރު މިޝެލް ބާނިއޭ އާއި އޭނާގެ ސަރުކާރަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު އައްޔަންކުރެވުނު އައު ބޮޑުވަޒީރެވެ.
ރައީސް މެކްރޯން މި ނިންމުން ނިންމެވީ އައު ސަރުކާރެއް އެކުލަވާލައި، ޖޫން މަހުން ފެށިގެން ޤައުމު ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަމުން އަރައިގަތުމުގެ އުއްމީދުގައެވެ.73 އަހަރުގެ ބައިރޫ އާއެކު ރައީސް މެކްރޯން ވަނީ ގާތްގަނޑަކަށް 1 ގަޑިއިރާއި 45 މިނެޓު ވާހަކަދައްކަވާފައެވެ. އޭގެފަހުން ރައީސް އޮފީހުން ވަނީ ބައިރޫ ބޮޑުވަޒީރަކަށް ޢައްޔަންކުރެއްވި ކަމާއި، އައު ސަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު އޭނާއާ ހަވާލުކުރެއްވި ކަމަށް ބަޔާންކުރައްވާފައެވެ.
ބައިރޫ އޭނާގެ ޢައްޔަނުކުރެވުމާ ގުޅޭގޮތުން ނޫސްވެރިންނަށް ވިދާޅުވީ، "މި މަސްއޫލިއްޔަތުގެ ދަތިކަން އެންމެންނަށްވެސް އެނގޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން... އެއްބައިވަންތަކަން ކޮންމެހެން ބޭނުންވާ ކަމެއް ކަމަށް އަޅުގަނޑު ދެކެން" މިފަދައިންނެވެ.
ނަމަވެސް، މި ނިންމުމާ ދެކޮޅަށް ވާހަކަދައްކަމުން، ވާތުފިޔައިގެ ޕާޓީ ފްރާންސް އަންބޯންޑްގެ ޤައުމީ ކޯޑިނޭޓަރު މެނުއެލް ބޮމްޕާ ވިދާޅުވެފައިވަނީ މިއީ ފްރާންސްގެ ޑިމޮކްރަސީއަށް ދެއްކި ނުރަނގަޅު ނަމޫނާ އެއް ކަމަށާއި، އެ ޕާޓީން އިތުބާރު ނެތްކަމުގެ އައު ވޯޓެއް ހުށަހަޅާނެ ކަމަށެވެ.
ކުރީގެ ބޮޑުވަޒީރު ބާނިއޭ އާއި އައު ބޮޑުވަޒީރު ބައިރޫ އާ ދެމެދު މަޤާމު ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ.