ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ބީގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލެންސް އިން ގްރޫޕްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
އާސެނަލް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވެފައި އޮތުމުން، ލެންސް ބަލިކޮށް އެއް ވަނައިގައި ލީޑު ނެގުމުގެ ފުރުސަތު އޮތެވެ. ލެންސް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ އެއްވަރުވެފަ އެވެ. އަންގާރަ ދުވަހުގެ ރޭ ލެންސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އާސެނަލް އިންނެވެ. މެޗު ފަށައިގެން 14 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ގަބްރިއަލް ޖީސޫސް އެވެ. އޭނާ އެ ލަނޑު ޖެހީ ބުކަޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެންސް އިން ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެޑްރިއެން ތޮމަސަން އެވެ. އޭނާ އެ ލަނޑު ޖެހީ އެލްޔޭ ވަހީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ލެންސް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި މެޗުން މޮޅުވެފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ވަހީ އެވެ.
މޮޅާއެކު ލެންސް އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. ބައްޔާއެކު ވެސް އާސެނަލް އޮތީ ގްރޫޕްގެ ދެ ވަނައިގަ އެވެ. އެއީ ދެ މެޗުން ތިން ޕޮއިންޓާއެކު އެވެ. ތިން ވަނައިގައި އޮތް ސެވިއްޔާ އަށް ލިބެނީ ދެ މެޗުން ދެ ޕޮއިންޓެވެ. ފުލުގައި އޮތް ޕީއެސްވީ އަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.