13 މާރިޗު 2025

Advertisement

ކަރަބާއޯ ކަޕްގެ ފައިނަލަށް ލިވަޕޫލް

07 ފެބްރުއަރީ 2025

ކަރަބާއޯ ކަޕްގެ ފައިނަލުގެ ޖާގައެއް ޓޮޓްނަމް ހޮޓްސްޕަރ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކޮށް ލިވަޕޫލް އިން ހޯދައިފި އެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު ދެވަނަ ލެގުގެ މެޗަށް ދެ ޓީމު ނިކުތްއިރު ފުރަތަމަ ލެގު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ޓޮޓްނަމް ހޮޓްސްޕަރ އެވެ. ނަމަވެސް ރޭ ކުޅުނު މެޗު ލިވަޕޫލް އިން ވަނީ 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.

މި މެޗުގެ 34 ވަނަ މިނިޓުގައި މުހައްމަދު ސަލާ ދިން ބޯޅަ އަކުން ނެދަލޭންޑްސްގެ ކޯޑި ގެކްޕޯ ވަނީ ލަނޑެއް ޖަހާ ލިވަޕޫލް އަށް ކުރި ހޯދަދީފަ އެވެ. މި މެޗުގައި ގެކްޕޯ ޖެހި ލަނޑާއެކު އޭނާ ވަނީ ލިވަޕޫލް އަށް އެންމެ ފަހުން ކުޅެދިން ހަތް މެޗުގައިވެސް ލަނޑު ޖަހާފަ އެވެ.

Advertisement

ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮތްނަމަވެސް ދެވަނަ ހާފުގައި އެ ޓީމުން ވަނީ ކުޅުން ރަގަޅުކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

17 އަހަރަށްފަހު ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާ ޓޮޓްނަމް ހޮޓްސްޕަރ އަށް ދެވަނަ ހާފުގައި އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ 51 ވަނަ މިނިޓުގައި ލިވަޕޫލް އަށް ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާ ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑު ކުރުމުންނެވެ.

މި މެޗުގައި ލިވަޕޫލް އިން ޖެހި ތިންވަނަ ލަނޑު މެޗުގެ 75 ވަނަ މިނިޓުގައި ޑޮމިނިކް ސޮބޮޒްލާއީ ކާމިޔާބުކޮށްދިން އިރު އޭގެ ފަސް މިނިޓު ފަހުން ޑިފެންޑަރ ވާޖިލް ވެންޑައިކް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.

އަންނަ މާޗު މަހުގެ 16 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލުގައި ލިވަޕޫލް އާއި ދެކޮޅަށް ނިކުންނާނީ ނިއުކާސަލް ޔުނައިޓެޑް އެވެ. ނިއުކާސަލް ޔުނައިޓެޑް މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އާސެނަލް ބަލިކުރުމަށްފަހުގަ އެވެ.  

Advertisement

ކޮމެންޓް