ފަލަސްތީނުގެ 183 މީހަކު މިނިވަންކޮށްފި
ހަމަލާތައް ހުއްޓާލަން އިޒްރޭލާއި ހަމާސް ޖަމާއަތާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، ފަލަސްތީނުގެ 183 މީހަކު މިއަދު މިނިވަންކޮށްފި އެވެ.
އިޒްރޭލުން ފަލަސްތީނުގެ 183 މީހަކު މިނިވަން ކުރީ، ހަމާސްގެ ބެލުމުގެ ދަށުގައިވާ އިޒްރޭލުގެ ތިން މީހަކު މިނިވަން ކުރަން ނިންމުމާ ގުޅިގެންނެވެ.
ފަލަސްތީނުގެ ޕްރިޒަނާސް ސޮސައިޓީން ބުނީ އިޒްރޭލުން މިއަދު މިނިވަން ކުރި އެންމެންނަށް ވެސް ސިއްހީ ފަރުވާ ބޭނުންވާ ކަމަށާއި އެއީ ފާއިތުވި މަސްތަކުގައި އެމީހުން ތަހައްމަލު ކުރަން ޖެހުނު ހާލަތުގެ ސަބަބުން ކަމަށެވެ. އޭގެތެރެެއިން 7 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.
ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން އެކުލަވާލާފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށްވާއިރު، ފުރަތަމަ މަރުހަލާގައި ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ 98 އަސީރުންގެ ތެރެއިން 33 މީހަކު މިނިވަން ކުރާނެ އެވެ. އޭގެ ބަދަލުގައި އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 1،904 މީހުން މިނިވަން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި އެއްބަސްވުމުގެ ދަށުން ގާޒާއަށް އިންސާނީ އެހީ ވެސް ގިނަ އަދަދަކަށް ފޯރުކޮށްދޭންޖެހެ އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، އެ ހަމަލާތަކުގައި ގާޒާ އިން 48،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެ، 111،630 މީހަކަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.