13 މާރިޗު 2025

Advertisement

ރޯދައަށް ތައްޔާރުވާން ގޮވާލައިފި: ހުކުރު ހުތުބާ

14 ފެބްރުއަރީ 2025

ރަމަޟާން މަހަށް އިސްތިޤުބާލުކުރާން ތައްޔާރުވާން މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ޝަޢުބާން މަހުގައި ހެޔޮ އަމަލުކުރުން"، މި މައުޟޫއުގެ މައްޗަށެވެ.

ހުތުބާގައި ބުނީ މިހާރު ވޭތުކުރަމުންދާ ޝައުބާން މަހަކީ އެތައް ގޮތަކުން ޚާއްޞަ މަހެއް ކަމަށާއި ޝަޢުބާން މަހު، އަޅުކަމުގައި ހީވާގިވުމަކީ، ރަމަޟާންމަހު އަޅުކަމުގައި މަޝްޣޫލުވުމަށް ލިބޭ ތަމްރީނެއް ކަމަށެވެ. ގިނަގިނައިން ހެޔޮ ޢަމަލު ކުރުމަކީ، ގަސްދަކާނުލައި ކުރެވޭ ފާފަތަކުން އަހުރެމެން ސަލާމަތްކުރައްވާނެ ކަމެއް ކަމަށާއި މި ފަދަ ބަރަކާތްތެރި މޫސުމެއްގައި، މާތް ނަބިއްޔާ، އަހުރެމެންނަށް ނަމޫނާ ދައްކަވައިފައިވާ ގޮތަށް، ހެޔޮ ޢަމަލުކުރުންމަތީ، ސާބިތުވެ ތިބުމަކީ، މުހިންމު ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

Advertisement

އަދި ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ވޭތުވެ ދިޔަ އަހަރުގެ ފަރުޟު ރޯދައެއް ޤަޟާކުރަން ޖެހިފައިވާ ނަމަ، އެ ރޯދަ އަވަހަށް ޤަޟާކުރުމަށާއި ހީވާގިކަމާ އެކު، ރަމަޟާން މަހަށް އިސްތިޤުބާލުކުރާން ތައްޔާރުވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

"ރަމަޟާން މަހުގެ އަޅުކަމަށް، ވަގުތު ދެވޭ ގޮތަށް ވަގުތުތައް ރާވާށެވެ. ރަމަޟާން މަހަށް ތައްޔާރުވުމަކީ، އިސްރާފުކުރުން އޮތްކަމެއް ނޫންކަން ދަންނާށެވެ. ފިޠުރު ޒަކާތް ދެއްކުމަށް ނިޔަތް ގަނެ، ރަމަޟާން މަސް ނިމުމުގެ ކުރީން އެ ޒަކާތް ދައްކާށެވެ. ދީލަތިކަން އިތުރުކުރާށެވެ. އޯގާތެރި މަޑުމައިތިރި މީހަކަށް ވާށެވެ. ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތަކާ ދުރުހެލިވާށެވެ. ކެތްތެރިކަން އިތުރުކުރާށެވެ. ދޮގުހެދުމާއި، ފުރައްސާރަކުރުމާ ދުރުހެލިވާށެވެ. ފުރިހަމަ ގޮތުގައި ރޯދަހިފުމަށް ތައްޔާރުވުމުގައި ތިބާގެ ގުނަވަންތަކުން އަދާކުރާންޖެހޭ ދައުރެއް ވާކަން ދަނެ، އެ ގުނަވަންތައް، ކުށްތަކާ ދުރުހެލިކުރާށެވެ،" ހުތުބާގައި ގޮވާލާފައިވެ އެވެ.

ސުވަރުގެ ވަނުމަށް މަގުކޮށާ ބަޔަކު ކަމުގައިވާ ނަމަ، ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާގެ ސުންނަތަށް ޢަމަލުކުރުމަށާއި ނޭނގެއޭ ބުނެ، ބަރަކާތާއި ރަޙުމަތުގެ ދުވަސްތައް ނަގައި ނުލުމަށް ވެސް ހުތުބާގައި ގޮވާލާފައިވެ އެވެ.

Advertisement

ކޮމެންޓް