09 މާރިޗު 2025

Advertisement

ނޮޓިންހަމް އަތުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ނޮޓިންހަމް ފޮރެސްޓް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެ އެވެ.

ނޮޓިންހަމް ފޮރެސްޓްގެ ދަ ސިޓީ ގްރައުންޑުގައި ތިރީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ މެންޗެސްޓަރ ސިޓީ އެވެ. އެ ޓީމުން ޖުމްލަ 14 ހަމަލައެއް އުފައްދާފައިވާއިރު އޭގެ ތެރެއިން ތިން ހަމަލައެއް ވަނީ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއިން ވަނީ މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އޭގެ ތެރޭގައި ނިކޯ ގޮންޒަލޭޒް ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެ އެވެ.

Advertisement

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަނަރަވަރަކަށް މިނިޓު ފަހުން ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ވަނީ އެ ޓީމަށް ހަތަރު ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ގަޑިއޯލާ ވަނީ ޑެބްރޫނިއާ އާއި އޮމަރު މަރްމޫޝް އާއި ކޮވަސިޗްގެ އިތުރުން ލެވިސް ކުޅެން އަރުވާފަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް ނޮޓިންހަމް ފޮރެސްޓަށް ކާމިޔާބުކޮށްދީފައިވަނީ ކަލަމް ހަޑްސަން އޮޑޮއި އެވެ. ހަޑްސަން އޮޑޮއި މި ލަނޑު ޖަހާފައިވަނީ ގިބްސް ވައިޓް ދިން ބޯޅައެއް ހިފައިގެން ގޮސް އޭރިޔާ ތެރެއަށް ވަދެ ސިޓީގެ ކީޕަރު އެޑަސަން ކައިރިން ނައްޓާލުމަށްފަހުގަ އެވެ.

މި މެޗުން ނޮޓިންހަމް ފޮރެސްޓް މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 28 މެޗުން 51 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފަ އެވެ. މެންޗެސްޓަރ ސިޓީ އަށް 28 މެޗުން ލިބިފައިވާ 47 ޕޮއިންޓާއެކު އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ.  

Advertisement

ކޮމެންޓް