މޯލްޓާއާއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި
ރާއްޖެ އާއި މޯލްޓާއާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ ފޮރިންގ މިނިސްޓަރު ޑރ. ޚަލީލް މިހާރު މޯލްޓާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް، ޑރ. އިއަން ބޯގްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.މި ބައްދަލުވުން ބާއްވާފައިވަނީ މޯލްޓާގެ ބޮޑުވަޒީރުގެ ނައިބުގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި މޯލްޓާއަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ދެގައުމުކަން ދެބޭފުޅުންވެސް ފާހަގަކުރައްވާފައިވެއެވެ. އަދި މި ދަތުރުފުޅަކީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަންވެސް ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން ކުދި ޖަޒީރާ ގައުމުތަކުގެ ހައިސިއްޔަތުން، ރާއްޖެއާ މޯލްޓާއާ ހާއްސަކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގައި، ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށާއި ވިޔަފާރީގެ އާ ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
އަދި ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތްކުރެއްވުމަށް ވެސް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައިވާއިރު ފަތުރުވެރިކަމާއި، މަތީ ތައުލީމު ދާއިރާއާއި ގުޅުން ވަރުގަދަކޮށް، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.
ސަރުކާރުން ހާމަކުރިގޮތުގައި މިނިސްޓަރު ޑރ. ޚަލީލް މޯލްޓާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ކެބިނެޓުގެ އިތުރު ބައެއް މިނިސްޓަރުންނާއިވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.