ޓްރަމްޕާއި ދެކޮޅަށް އެމެރިކާގައި މުޒާހަރާ ކުރަނީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދެކޮޅަށް އެ ޤައުމުގެ ގިނަ ޢަދަދެއްގެ ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.
މުޒާހަރާގެ ބައިވެރިން އަޑުއުފުލަމުން ދަނީ އެހެން ޤައުމުތަކަށް ނިޞްބަތްވާ މީހުން އެ މީހުންގެ ޤައުމަށް އަނބުރާ ފޮނުވާލުމާއި ސަރުކާރު ވަޒީފާއިން މުވައްޒަފުން ވަކިކުރުމާއި ފަަލަސްޠީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމައާއި ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާ ގުޅޭގޮތުން ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކާ ގުޅޭ ގޮތުންނެވެ.
ވައިޓް ހައުސްގެ ބޭރުގައި މުޒާހަރާގެ ބައިވެރިން ވަނީ އެކި ޝިޔާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އަޑުގަދަ ކޮށްފައެވެ. އެ މީހުން ވަނީ ޓްރަމްޕްގެ ސަރުކާރުން އަނބުރާ ޤައުމަށް ފޮނުވާލަމުންދާ މީހުންނަށް ހިތްވަރުދީ، ސަރުކާރު ވަޒީފާއިން ވަކިކުރަމުންދާ މީހުންނާއެކު ތިބި ކަމަށް ބުނެފައެވެ. އޭގެ އިތުރުން ސަރުކާރުންދޭ މާލީ އެހީތެރިކަން ކަނޑާލާނެ ކަމަށް ސަރުކާރުން އިންޒާރު ދެމުންދާ ޔުނިވަސިޓީތަކާއެކު ވާކަމަށް އެ މީހުން ދިޔައީ ބުނަމުންނެވެ.
ދިޔަ ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެރިކާގެ ރައީސްގެ މަޤާމާ ޓްރަމްޕް ޙަވާލުވެވަޑައިގެންނެވި ފަހުން މަައި ސަރުކާރުގެ 200،000އަށްވުރެ ގިނަ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ގިނަ އިދާރާތަކެއް އުވާލުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެމެރިކާގެ ސަރުކާރުން ވަނީ ގިނަ ޢަދަދެއްގެ ބޭރު ޤައުމުތަކަށް ނިޞްބަތްވާ ދަރިވަރުން ވެސް ބަންދު ކޮށްފައެވެ. އެމެރިކާގެ ޔުނިވާސިޓީތަކުން ހިންގާ އެކި ޕުރޮގްރާމުތަކުގެ ދަށުން އެކި ޤައުމުތަކާއި ނަސްލުތަކަށް ނިޞްބަތްވާ ދަރިވަރުންނަށް ފުރުޞަތު ދޭތީއާއި މޫސުމީ ބަދަލުތަކާ ގުޅިގެން ހިންގާ ޙަރަކާތްތަކުގެ އިތުރުން ފަލަސްޠީނާ އެއްކޮޅަށް ވަކާލާތުކޮށް ކުރިއަށް ގެންދާ މުޒާހަރާތަކުގެ ސަބަބުން އެ ޔުނިވަސިޓީތަކަށް ސަރުކާރުން ދޭ މާލީ އެހީތެރިކަން ކަނޑައިލުމަށް ސަރުކާރުން ވަނީ އިންޒާރު ދީފައެވެ. ހައްޤުތަކަށް ވަކާލާތު ކުރާ ޖަމްޢިއްޔާތަކުން ވަނީ ސަރުކާރުގެ މި ސިޔާސަތުތައް ކުށްވެރި ކޮށްފައެވެ.
ވޮޝިންގޓަންގެ އިތުރުން ނިއުޔޯކް ސިޓީއާއި ޗިކާގޯ ހިމެނޭ ގޮތަށް ގިނަ ސަރަޙައްދުތަކެއްގައި މުޒާހަރާތައް މުޒާހަރާތައް ދަނީ ކުރަމުންނެވެ. މިއީ ރައީސްގެ މަޤާމާ ޓްރަމްޕް ޙަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރާ ދެކޮޅަށް އެމެރިކާގައި މުޒާހަރާކުރާ ދެވަނަ ފަހަރެވެ.