15 މޭ 2025

Advertisement

އެއްވެސް ނުފޫޒަކަށް ބޯ ނުލަނބައި މިހިސާބަށް އާދެވުމުން އުފާކުރަން: މަހާޒު

އެއްވެސް ނުފޫޒަކަށް ބޯ ނުލަނބައި މި ހިސާބަށް އާދެވުމުން އުފާ ކުރައްވާ ކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މިއަދު ވަކިކުރި އަލްއުސްތާޒް މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

މަހާޒް އާއި ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިއަދު ވަކިވަކިން ވޯޓަށް އަހައިގެންނެވެ. ދެބޭފުޅުން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން 68 މެންބަރުން، ވޯޓް ދެއްވިއެވެ. ފަނޑިޔާރުކަމުން ވަކިކުރަން ނުފެންނަ ކަމަށް 11 މެންބަރުން ވޯޓް ދެއްވިއެވެ.

މަހާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގައި ކުރެއްވި މަސައްކަތްތަކާ މެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށާއި، ހުރިހާ މަސައްކަތެއް ވެސް ކުރައްވާފައިވާނީ ކުރާ ހިތުން ކަމުގައެވެ.

Advertisement

އަދި ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން ނުފޫޒު އައިނަމަވެސް އެއިން އެއްވެސް ނުފޫޒަކަށް ބޯ ނުލަނބައި މި ހިސާބަށް އާދެވުމުން އުފާ ކުރައްވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މަހާޒުގެ ޕޯސްޓުގައި އޭނާ ވަނީ ހިތްވަރު ދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ގާނޫނީ ވަކީލުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ވަކިވަކި ފަރުދުންގެ ހައިސިއްޔަތުން ގާނޫނާ ޚިލާފަށް ހިނގަމުން ދިޔަ ކަންކަމާއި ދެކޮޅު ހަދައި ޚިޔާލު ފާޅު ކުރި އެންމެހާ ޝުއޫރުތަކަށް ވެސް އޭނަ ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.

މަގާމުން ވަކިކުރި ދެފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހްގީގު ކުރަން ފެށީ ރައްޔިތުން މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް މަގުފަހިވާގޮތައް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ފެށިފަހުންނެވެ. ފަނޑިޔާރުން ސަސްޕެންޑް ކުރުމާއި އަދި މައްސަލަ ބެލުމުގައި ވެސް ޖޭއެސްސީ އިން އަމަލުކޮށްފައި ވަނީ އިޖުރާއަތްތަކާއި ހިލާފަށް ކަމަށް ދެފަނޑިޔާރުންގެ ފަރާތުންނާއި އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކުން ވެސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީން ނިންމީ ފަނޑިޔާރުންގެ މައްސަލަ ބެލުމުގައި ޖޭއެސްސީ އިން ގޯހެއް ހަދާފައި ނެތް ކަމަށެވެ.

ފަނޑިޔާރު މަހާޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރ 04 ވަނަ ދުވަހު އެވެ. ފަނޑިޔާރު އަޒްމިރަލްދާ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 04 ސެޕްޓެމްބަރ 2019 ގައެވެ.

Advertisement

ކޮމެންޓް