އިޓަލީގެ ކްރޫޒްލައިނާއެއް ރާއްޖެއަށް
މިމަހު އައި 2 ވަނަ ކްރޫޒްލައިނާ ރާއްޖެއަށް އައިސްފިއެވެ. މިއީ އިޓަލީގެ ކްރޫޒްލައިނާއެކެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ވަނީ ލަންކާގެ ކޮލޮމްބޯ ބަނދަރުން މާލެ އައިސްފައިވާ މިކްރޫޒްލައިނާއިން ދަތުރުކުރި 2650 ފަތުރުވެރިންނަށް ކްލިއަރެންސް ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ 2022 ފަސިންޖަރުންނާއި 628 ކްރޫއިންނެވެ.
ރާއްޖެއަކީ އަބަދުވެސް ކްރޫޒްލައިންތަކުގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ކްރޫޒްލައިނާތައް އާދެއެވެ. އެގޮތުން މިއީ މިއަހަރު ރާއްޖެއަށް އައި 10ވަނަ ކްރޫޒްލައިނާއެވެ.
މިމަހުގެ 4ވަނަ ދަވަހުވެސް ރާއްޖެއަށް ކްރޫޒްލައިނާއެއް ވަނީ އައިސްފައެވެ. 'އެމްއެސް ނޯޓިކާ' ނަމަކަށް ކިޔާ އިންޑިއާގެ މި ކްރޫޒްލައިނާއިން ރާއްޖެއަށް 610 ފަތުރުވެރިންނާއި 397 ކްރޫ މެންބަރުން ވަނީ ރާއްޖެ އައިސްފައެވެ. މީގެ އިތުރުން، މިދިޔަ މާރިޗު މަހު އޮޝެނިއާ ކްރޫޒަސް ކުންފުނީގެ 'އެމްއެސް އިންސިގްނިއާ ލަގްޒަރީ' ކްރޫޒްލައިނާވެސް ވަނީ ރާއްޖެއަށް އައިސްފައެވެ. މި ކްރޫޒްލައިނާއިން ހާހެއްހާ ފަތުރުވެރިންނަށް ކްލިއަރެންސް ވަނީ ދީފައެވެ.
ކުރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވަމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 897،000އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ. ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.