20 މޭ 2025

Advertisement

މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކުރަނީ

މަސްވެރިންގެ އަތުން މަސް ގަންނަ އަގު 20ރ. ބޮޑުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެ މަނިކުފާނު އެ ޔަގީންކަން ދެއްވީ މިއަދު ރައީސް އޮފީހުގައި ކެޔޮޅުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

މިއަދު ހެނދުނު ކެއުޅުންނާއެކު ރައީސް ބޭއްވި ބައްދަކުރެއްވުމުގައި ކެޔޮޅުން ވަނީ އެ މީހުން ރައީސްއާއެކު މީގެ ކުރިން ބޭއްވި ބައްދަލުކުރެއްވުމުގައި ހުށަހެޅި ކަންކަން ބަލައިގަނެ އެކަންކަން ކޮށްދެމުން ގެންދާތީ ވަރަށް އުފާ ކުރާ ކަމަށް ބުނެފައެވެ.

Advertisement

މިއަދުގެ ބައްދަލުކުރެއްވުމުގައި، ކެޔޮޅުންގެ ފަރާތުން އެންމެ ބޮޑަށް އެދުނީ މި ސަރުކާރުގެ ވައުދާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށްދިނުމަށެވެ. އަދި ފަސޭހަކަމާއެކު މިފްކޯއިން މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުމަށާއި، މަސްކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުންކުރާގޮތަށް ބަދަލުކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

ކެޔޮޅުންގެ އެ އެދުމާއެކު ރައީސް ވަނީ އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ދުވަހުން ދުވަހަށް މަހުގެ އަގު ދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ގޮތުން، ގައުމީ ޔުނިވަސިޓީގެ މޯލްޑިވްސް ކޮލެޖް ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސަސް އިން 45 ދަރިވަރަކަށް ބެޗެލާސް އޮފް ފިޝަރީޒް މެނޭޖްމަންޓް ކިޔެވުމަށް ފުލް ސްކޮލަޝިޕްގެ ފުރުސަތު ދެއްވުމަށް ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން ވެސް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުން މަސައްކަތްކުރަމުން ދަނީ މަސްވެރިންނަށް ވެސް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވަންކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް