24 މޭ 2025

Advertisement

ހާވަރޑްއަށް ބޭރު ޤައުމުތަކުގެ ދަރިވަރުން ވެއްދުން މަނާކޮށްފި

އެމެރިކާގެ ހާވަރޑް ޔުނިވަރސިޓީއަށް ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް ފުރުޞަތު ދެވެން އޮންނަ މަގު، ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރުން ބަންދުކޮށްފިއެވެ.

އެމެރިކާގެ ދާޚިލީ ވަޒީރު ކްރިސްޓީ ނޯއެމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި އަހަރާއި އަންނަ އަހަރަށް، ހާވަރޑް ޔުނިވަރސިޓީއަށް ބޭރުގެ ދަރިވަރުން ވެއްދުމަށް ބޭނުންވާ ސްޓޫޑެންޓް އެންޑް ވިޒިޓަރ އެކްސްޗޭން ޕްރޮގްރާމް ސެޓިފިކޭޝަން ބާތިލުކޮށްފައިވާ ކަމަށެވެ.

ހާވަރޑުން ބުނީ އެ ޔުނިވަރސިޓީގައި ކިޔަމުންދާ އެތަކެއް ހާސް ދަރިވަރުންގެ ހައްޤުތައް ގެއްލޭގޮތަށް، މައި ސަރުކާރުން މި އެޅި ޤާނޫނާ ޚިލާފު ފިޔަވަޅާ ދެކޮޅަށް ތެދުވާނެ ކަމަށެވެ.

Advertisement

މި ފިޔަވަޅު އަޅާފައިވަނީ، ހާވަރޑްގައި ކިޔަމުންދާ ބައެއް ބޭރުގެ ދަރިވަރުންތަކަކާ ގުޅޭ ޒާތީ މަޢުލޫމާތުތަކެއް ދޭން އެ ޔުނިވަރސިޓީން ދެކޮޅު ހެދުމުންނެވެ.

ހާވަރޑް ޔުނިވަރސިޓީން މިދިޔަ އަހަރާއި މިދިޔަ އަހަރުގެ ދިރާސީ އަހަރަށް ވަނީ 6،800 ބޭރުގެ ދަރިވަރުންނަށް ތަޢުލީމު ހާޞިލްކުރުމުގެ ފުރުޞަތު ދީފައެވެ. އެއީ އެތަނުގައި ކިޔަމުންދާ ދަރިވަރުންގެ 27 އިންސައްތައެވެ.

ހާވަރޑަށް ނޯއެމް ފޮނުއްވި ސިޓީއެއްގައި ވަނީ، ދާޚިލީ ވުޒާރާއިން އެދުނު މަޢުލޫމާތުތައް ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި ދީފިނަމަ، ހުއްދަ ބާތިލުކުރި ނިންމުން އަނބުރާ ގެންދާނެކަމަށް ވެސް ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ވަޑައިގެން، ޓްރަމްޕް ގެންދަވަނީ އެމެރިކާގެ މައި ޔުނިވަރސިޓީތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އަޅުއްވަމުންނެވެ. މިގޮތުން، ހާވަރޑްގައި ޔަހޫދީންނާ ދެކޮޅަށް ނަފްރަތު އުފެއްދުމާއި، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ތާޢީދުކުރާ މީހުންނަށް ވަޒީފާ އާއި ފުރުޞަތުތައް ދޭކަމަށް ވެސް ޓްރަމްޕް ވަނީ ތުހުމަތުކުރައްވައިފައެވެ.

އެ ތުހުމަތުތަކާ އެކު، އެމެރިކާގެ މައި ސަރުކާރުން ވަނީ ހާވަރޑަށް ދޭ ތިން ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ މާލީ އެހީ ދިނުން ވެސް ހުއްޓާލައިފައެވެ.

އެ މައްސަލަ ހާވަރޑުން މިހާރު ވަނީ ކޯޓަށް ހުށަހަޅައިފައެވެ.  

Advertisement

ކޮމެންޓް