ދީނީ މިންގަނޑުތަކާ އެއްގޮތަށް އީދު ފާހަގަކުރަން ރައީސް އިލްތިމާސްކުރައްވައިފި
ޙައްޖަށް ފަހު އަންނަ ބޮޑު ޢީދުގައި ދީނީ މިންގަނޑުތަކާ އެއްގޮތަށް އުފާފާޅުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.
"ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އުފާފާޅުކުރުމަކީ ދީނުގައި ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް ކަމަށާއި ނަމަވެސް އީދު ފާހަގަކުރާއިރު އިސްލާމީ މިންގަނޑުތަކާ ފުށުއަރާ ކަހަލަ ކަންކަމުން ދުރުވާންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަކީ މުސްލިމުން. އަޅުގަނޑުމެންގެ ދީނުގައި ހަމަ ވަރަށް ބޮޑަށް އޮތް ކަމެއް އުފާފާޅުކުރުމަކީ. އެހެންވީމަތާ، ދެ ޢީދު އޮތީވެސް ދޮގެއްތޯ؟،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ޢާއިލާތަކާއި ރަޙްމަތްތެރިންނާ އެކީގައި، އުފަލާއެކީގައި ދެ ޢީދު ހޭދަކުރަންވީ ކަމަށާއި ނަމަވެސް އެކަން ކުރާއިރު އިސްލާމްދީނުގައި މަނާކޮށްފައިވާ ކަންކަމަށް އަރައިނުގަތުމަށް އިލްތިމާސްކުރައްވާފަ އެވެ.
ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަން ރާއްޖޭގެ ކައުންސިލްތަކުން އަންނަނީ ތަފާތު އެކި ތައްޔާރީތައް ވަމުންނެވެ.
ރާއްޖޭގައީ އީދު ފަދަ ދުވަަސްތައް ފާހަގަކުރަން ބޮޑެތި ހަރަދުތައްކޮށްގެން މިއުޒިކް ޝޯތަކާއި ދެ ޖިންސް އެެއްވެގެން ބާއްވާ ތަފާތު އެކި ކުޅިވަރު ހަރަކާތްތައް ބޭއްވުން އިތުރުވަމުންދާތީ ދީނީ އިލްމުވެރިން ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރަމުން ގެންދެ އެވެ.