ޣައްޒާއަށް އިންސާނީ އެހީދޭ ތަންތަން މަރުގެ ދަންތުރައަކަށް
އެމެރިކާއާއި އިސްރާއީލުގެ ބެލުމުގެ ދަށުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭން ޤާއިމުކޮށްފައިވާ ތަންތަނަކީ މަރުގެ ދަންތުރައެއްކަމަށް "ޔޫއެން ރިލީފް ވޯކްސް އޭޖެންސީ" (އަންރުވާ) ގެ ފަރާތުން ބުނެފި އެވެ. އެމެރިކާއިން ޣައްޒާގައި އިންސާނީ އެހީގެ ތަކެތި ބެހުމަށް ކަނޑައަޅާފައިވާ ޖަމިއްޔާ "ޣައްޒާ ހިޔުމަނިޓޭރިއަށް ފައުންޑޭޝަނުން" އެހީދޭ ތަންތަނަށް ގިނަ އަދަދެއްގެ ފަލަސްޠީނު މީހުން ޖަމާވުމުން އިސްރާއީލުން އެތަންތަނަށް ބޮންއަޅާ މީހުން މަރަމުންދާކަމަށް އަންރުވާގެ ފަރާތުން ވަނީ ބުނެފަ އެވެ.
އަންރުވާގެ ކޮމިޝަނަރ ޖެނެރަލް ފިލިޕޭ ލަޒަރިނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައި ވަނީ އެހީގެ ތަކެތި ފޯރުކޮށްދެމުންދާ ތަންތަނަށް އިސްރާއީލުން ދެފަހަރެއްގެ މަތިން ވަރަށް ނުރައްކާތެރި ހަމަލާތަކެއްދީ ގިނަ އަދަދެއްގެ މީހުން މަރާލާފައިވާކަމަށެވެ. އިސްރާއީލު ބޭނުންވާގޮތަށް އެހީގެ ތަކެތި ބެހުމަށް ޤާއިމުކޮށްފައިވާ ނިޒާމުގެ ދަށުން ފަލަސްޠީނު ރައްޔިތުންނަށް އިތުރު ނިކަމެތިކަމާއި ބުރަތައް އުފުލަންޖެހޭކަމަށް ވެސް ލަޒަރިނީ ވަނީ ބަޔާންކުރައްވާފަ އެވެ. ނަތީޖާއެއްގެ ގޮތުން ބަނޑުހައިހޫނުކަމާއި މާޔޫސްކަންމަތީ ތިބި ޣައްޒާގެ ރައްޔިތުން ކާބޯތަކެތި ހޯދުމަށްޓަކައި އެތަކެއް މޭލު ދުރަށް ހިނގަންޖެހޭކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި އެމީހުން އެތަންތަނަށް ދާންއޮންނަ މަގުތަކަށް އިސްރާއީލުން ހަމަލާތައް ދެމުންދާތީ ބޮޑެތި ނުރައްކާތައް ހުރަސްކޮށްގެންނޫނީ ދެވޭނެގޮތެއް ވެސް ނޯވެ އެވެ.
ލަޒަރިނީ ވިދާޅުވެފައި ވަނީ ހާލުގައިޖެހިފައި ތިބި ބަޔަކަށް އެހީދިނުން އޮންނަންވާނީ ވީހާވެސް ފަސޭހައިން އެތަކެތި ލިބިގަނެވޭނެ ގޮތަށް ކަމުގައެވެ. އަދި ލިބޭތަކެތި ހިފައިގެން ރައްކާތެރިކަމާއެކު ދެވޭނެ ގޮތް ވެސް ފަހިވެފައި އޮންނަންޖެހޭނެކަމަށް އޭނާ ޤަބޫލުކުރައްވަ އެވެ. އެގޮތަށް އެކަން ކުރެވޭނީ އދ ގެ ފަރާތުން އެހީދިނުމުގެ މަސައްކަތްކުރަން ފުރުސަތުދީގެންކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އަންރުވާގެ ފަރާތުން މިކަންކުރާކަމުގައި ވާނަމަ މާ ރަނގަޅަން ކުރެވޭނެކަމަށާއި ކުރިން ވެސް އެކަންކުރަމުން އައީ އެފަރާތުންކަމަށް ލަޒަރިނީ ފާހަގަކުރެއްވި އެވެ.
އެހީދޭ ތަންތަނަށް އިސްރާއީލުން މިހާތަނަށް ދީފައިވާ ހަމަލާތަކުގައި އެތަކެއް ސަތޭކަ މީހުންވަނީ މަރުވެފަ އެވެ. ޣައްޒާގެ ހެލްތް މިނިސްޓްރީގެ ފަރާތުން ވެސް ބުނެފައި ވަނީ އެހީދޭ މަރުކަޒުތައް އިސްރާއީލުން މަރުގެ ދަންތުރަތަކަށް ހަދައިފިކަމަށެވެ. މިކަމުގެ ބޭނުމަކީ ޣައްޒާގެ ރައްޔިތުން އިތުރަށް ވިއްސިވިހާލިކޮށް އެމީހުން އެތަނުން ނެރެ ފޮނުވާލުންކަމުގައި ވަނީ ބުނެފަ އެވެ.