ވައުދުތަކަށް ހުރުމަތްތެރިވެ، ތެދުބަހުން ވާހަކަ ދައްކާ: ހައްޖު ހުތުބާ
ވައުދުތަކަށް ހުރުމަތްތެރިވެ، ތެދުބަހުން ވާހަކަ ދެއްކުމަށް ހުރިހާ މުސްލިމުންނަށް ހައްޖު ހުތުބާގައި ގޮވާލައިފި އެވެ.
ނަމިރާ މިސްކިތުގައި ހައްޖު ހުތުބާ ދެއްވީ މަސްޖިދުލް ހަރަމްގެ އިމާމް ޝައިޚް ޑރ. ސާލިހް ބިން އަބްދުﷲ ބިން ހުމައިދު އެވެ.
ހައްޖު ހުތުބާ ދެއްވަމުން ޝައިހް ވަނީ މައިންބަފައިންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި އަދި އަވަށްޓެރިންނަށް އޯގާތެރިވުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި ވަޢުދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ތެދުބަސް ބުނުމަށާއި، އަދި ޢިއްފަތްތެރިކަން ދެމެހެއްޓުމަށް މުސްލިމުންނަށް ވަނީ ހަނދާންކޮށްދެއްވާފަ އެވެ.
"ތިޔަބައިމީހުންގެ ޢަހުދުތަކާއި ވަޢުދުތައް ފުރިހަމަކުރާށެވެ. ތިޔަބައިމީހުން ވާހަކަދައްކާ ކޮންމެ ހިނދެއްގައިވެސް ރަނގަޅަށް ވާހަކަދައްކާށެވެ. ކެތްތެރިވާ މީހުންނަށް ﷲ ފުރިހަމައަށް ޖަޒާ ދެއްވާނެއެވެ. ﷲ ގެ ޝުކުރުވެރި އަޅުތަކުންނަށް އެބައިމީހުން ޝުކުރުވެރިވާ މިންވަރަކުން އިތުރު ނިޢުމަތްތަކުން ދަރުމަ ދެއްވާނެކަމަށް ﷲ ވަޢުދުވެވޮޑިގެންވެއެވެ،" ޝައިހް ވިދާޅުވި އެވެ.
މިކަންކަމަކީ އީމާންކަމުގެ މުހިންމު ބައިތަކެއްކަން ފާހަގަކުރައްވަމުން ޝައިހް ވަނީ ހެޔޮކަމާއި ނުބައިކަން އެއްވަރުނުވާ ކަމަށާއި، ނުބައިކަމަށް ހެޔޮކަމުން ޖަވާބުދިނުމުން ޢަދާވާތްތެރިން ގާތް ރަޙްމަތްތެރިންނަށް ބަދަލުވެދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ހެޔޮކަންތައް ކުރުމަށާއި ނުބައި ކަންތަކުން ދުރުހެލިވުމަށް މާތްﷲ އަމުރުކުރައްވާފައިވާ ކަމަށާއި ޢަދުއްވާއަށް މަޢާފުކުރުމަކީވެސް ހެޔޮ ސިފައެއް ކަމަށް ވިދާޅުވި އެވެ. ހެޔޮ ޢަމަލުތަކުން ނުބައި ޢަމަލުތައް ފޮހެވޭ ކަމަށާއި އެހެންކަމުން، ވީހާވެސް ގިނައިން ހެޔޮ ޢަމަލުތައް ކުރުމަށް މަސައްކަތް ކުރުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.
އެގޮތުން ނަމާދު ޤާއިމުކުރުމަށާއި އެއީ މާތްﷲ އާއި އަޅާއާ ދެމެދު އޮންނަ އެންމެ ރަނގަޅު ގުޅުންކަން ޝައިހް ފާހަގަކުރެއްވި އެވެ.