12 ޖޫން 2025

Advertisement

ރައުދަށް ދައުވާކޮށްފި

ހައްވާ ޔުމްނު ވެއްޓުނު މައްސަލައިގައި ރައުދު އަހުމަދު ޒިލާލަށް ކްރިމިނަލް ކޯޓްގައި ދައުވާކޮށްފި އެވެ.

އެޕްރީލް 18 ވަނަ ދުވަހު ހިނގި ހާދިސާއާ ގުޅިގެން ގ. އެރިޔަދޫ، ރައުދު، 22، ގެ މައްޗަށް ދައުވާކޮށް ދޭން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން އެދުނީ މި މަހުގެ 4 ގަ އެވެ. އެ މައްސަލަ ތަހުގީގުކޮށް ރައުދށް ދައުވާކޮށް ދޭން އެދި ފުލުހުންނަށް ޕީޖީ އޮފީފަށް ފޮނުވީ މިދިޔަ މަހުގެ 26 ގަ އެވެ.

އޭނަގެ މައްޗަށްކޮށްފައި ވަނީ އެހީއަކަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދަޢުވާ އެވެ.

Advertisement

މި ދައުވާގެ އަސާސީ އަދަބަކީ މަހަކާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ރައުދަށް ދައުވާ ކުރި ސަބަބުގެ ގޮތުގައި ޕީޖީ އޮފީހުން ބުނީ، ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން، ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގި ހުރެ، އޭނަ އަށް އެހީތެރިވެދީފައި ނުވާތީ އާއި، އޭނަ އަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުން ހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވާތީ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ރައުދު ހައްޔަރުކޮށް ފަހުން ދޫކޮށްލި އިރު، މަސް ދުވަހަށް ވުރެ ގިނަ ދުވަހު ބަންދުގައި ހުއްޓެވެ. ޔުމްނު ވެއްޓުނު މައްސަލާގައި އޭނަ އެންމެ ފުރަތަމަ ހައްޔަރު ކުރީ އޭޕްރީލް މަހުގެ 24 ގަ އެވެ. އެގޮތުން ބަންދަށް ފުރަތަމަ ޖެހީ ފަސް ދުވަހެވެ. އޭގެ ފަހުން، އިތުރު 10 ދުވަސް ޖަހައި، އެ މުއްދަތު ހަމަވުމުން އަނެއްކާ ވެސް ފަސް ދުވަސް ޖަހުމަށް ފަހު ބަންދަށް 20 ދުވަސް އިތުރުކުރި ިއެވެ.

ނަމަވެސް އެ މުއްދަތު ހަމަ ނުވަނީސް ރައުދު ދޫކޮށްލީ މިދިޔަ މަހުގެ 22 ގަ އެވެ. އެކަމަކު ހަމަ އެ ދުވަހު އަލުން އޭނަ ހައްޔުރުކޮށް، ފަހުން ދޫކޮށްލީ މިދިޔަ މަހުގެ 26 ގަ އެވެ.

ޔުމްނު، 21، ވެއްޓުނު ހާދިސާއާ ގުޅިގެން އަންނަނީ މެލޭޝިއާގައި ފަރުވާ ދެމުންނެވެ. އޭނަ އެ ގައުމަށް ފަރުވާ އަށް ގެންދިޔައީ ސަރުކާރުގެ އެހީގަ އެވެ.

ޔުމްނުގެ ހާދިސާ ފުލުހުންނާއި އެ މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ކޮމިޝަނުން ވެސް އަންނަނީ ބަލަމުންނެވެ.

Advertisement

ކޮމެންޓް