17 ޖޫން 2025

Advertisement

ތެލުގެ އަގު މައްޗަށް!

އީރާން-އިސްރާއީލު ހަނގުރާމަ ހޫނު ވަމުން ދިއުމާ އެކު ތެލުގެ އަގު މައްޗަށް ހިނގައްޖެއެވެ.

އަންގާރަ ދުވަހު ތެލުގެ އަގު 2 އިންސައްތަ އަށް ވުރެ މަތިވެއްޖެ ކަމަށް ރޮއިޓާރސް އިން ވަނީ ރިޕޯޓު ކޮށްފައެވެ.

މިއީ އީރާނާއި އިސްރާއީލުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ގޯސް ވަމުން ދަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "އެންމެން" ތެހެރާނުން ނުކުމެގެން ދިއުމަށް ގޮވާލެއްވުމުގެ ސަބަބުން އެ ސަރަހައްދުގައި އިތުރަށް ހަމަނުޖެހުން ބޮޑުވެ، ތެލުގެ ސަޕްލައި އަށް ބުރޫ އަރާފާނެ ކަމުގެ ބިރު ބޮޑުވެގެން ދިއުމާ ގުޅިގެން އަގަށް އައި ބަދަލެއް ކަމަށް ބެލޭ ކަމަށް ވެސް ރޮއިޓާރސް އިން ބުނެފައިވެއެވެ.

Advertisement

ނަތީޖާ އެއްގެ ގޮތުން ބްރެންޓް ކްރޫޑް ފިއުޗަރސް ކޮންޓްރެކްޓް 1.17 އެމެރިކާ ޑޮލަރު ނުވަތަ 1.6 އިންސައްތަ މައްޗަށް ގޮސް ފީފާއެއްގެ އަގު 74.4 އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ.

ހޯމަ ދުވަހު ތެލުގެ އަގު 1 އިންސައްތައަށް ވުރެ ދަށަށް ދިޔަކަން ފާހަގަ ކުރެވެއެވެ. އެއީ އީރާނުން ހަނގުރާމަ ހުއްޓާލަން މަސައްކަތް ކުރާކަމަށް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެން، ހަނގުރާމައިގެ ހާލަތު ރަނގަޅު ވެދާނެ ކަމަށް އުއްމީދު އުފެދުމާ ގުޅިގެން އައި ދަށްވުމެއް ކަމަށް ރޮއިޓާރސް އިން ބުނެފައިވެއެވެ.

ނަމަވެސް، ހަނގުރާމައިގެ ފަސްވަނަ ދުވަސް ކަމަށްވާ އަންގާރަ ދުވަހު ކަންތައްތައް އިތުރަށް ގޯސްވެގެން ވަނީ ގޮސްފައެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ވެރިރަށް ތެހެރާނުގައި ބާރުގަދަ ގޮވުންތަކާއެކު އެއަރ ޑިފެންސް ހަމަލާތަކުގެ އަޑު އިވިފައިވެއެވެ. އަދި އިސްރާއީލު ގައި، އީރާނުގެ މިސައިލްތަކާ ގުޅިގެން ތެލް އަވީވްގައި އެއަރ ރެއިޑް ސައިރަންތައް އިވިފައިވެއެވެ.

އީރާނަކީ އޯޕެކް (އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީސް) ގެ މެންބަރު ޤައުމުތަކުގެ ތެރެއިން ތިން ވަނަ އަށް އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމެވެ. ހަނގުރާމައިގެ ސަބަބުން އެ ޤައުމުން ތެޔޮ ސަޕްލައި ކުރުމަށް ހުރަސް އެޅި، އޭގެ ސަބަބުން ތެލުގެ އަގު އިތުރަށް މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ތަޖުރިބާކާރުން ދެކެއެވެ.

Advertisement

ކޮމެންޓް