20 ޖޫން 2025

Advertisement

އީރާނުގެ އިންޒާރު ގަލްފުގެ ޢަރަބި ޤައުމުތަކަށް

ފަލަސްޠީނުގެ ބިން ފޭރިގަނެގެން އިސްރާއީލުގެ ނަމުގައި އުފައްދާފައިވާ ޔަހޫދީ ޒަޔަނިސްޓް ދައުލަތުގެ ދިފާއުގައި އީރާނާ ދެކޮޅަށް ހަނގުރާމަ ފަށާނެކަމުގެ އިންޒާރު އެމެރިކާއިން ދިނުމާއި ގުޅިގެން އީރާނުންވެސް ވަނީ ރައްދުގައި ވަރުގަދަ އިންޒަރުތަކެއް ދޭން ފަށާފަ އެވެ. އެމެރިކާއިން ދިން އިންޒާރުގެ ރައްދުގައި އީރާނުން ބުނެފައި ވަނީ އިސްރާއީލުގެ ދިފާއުގައި އެއްވެސް ފަރާތަކުން އީރާނާ ޢަސްކަރީގޮތުން ކުރިމަތިލައިފިނަމަ ނުވަތަ ހަނގުރާމައެއް ފަށައިފިނަމަ ދުވަހަކުވެސް ހަނދާންނުނެތޭވަރުގެ ގެއްލުން ބޮޑު ޢުޤޫބާތެއް ދޭނެކަމުގައެވެ.

ޢަރަބި ޤައުމުތަކުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި އީރާނުން މިހާރު ވަނީ ޤަޠަރު މެދުވެރިކޮށް ގަލްފުގެ ހުރިހާ ޢަރަބި ޤައުމުތަކަށް އިންޒާރުގެ މެސެޖް ފޮނުވާފައެވެ. އީރާނުން ގަލްފުގެ ޢަރަބި ޤައުމުތަކަށް އަންގާފައި ވަނީ އެމެރިކާއިން އީރާނަށްދޭ އެއްވެސް ހަމަލާއެއްގައި ގަލްފުގެ އެއްވެސް ޢަރަބި ޤައުމެއްގެ ބިން ބޭނުންކޮށްފިނަމަ ނުވަތަ އެމެރިކާއަށް އެކަމުގައި އެއްވެސް އެއްބާރުލުމެއް ދީފިނަމަ އީރާނުން އެ ޤައުމެއްގެ އެތެރޭގެ ތަންތަނަށް ހަމަލާދޭނެކަމަށެވެ. އެފަދަ ކަމެއްކުރި ކޮންމެ ޤައުމަކަށް ހަމަލާދިނުމަކީ ޣައިރު ޤާނޫނީ ކަމެއްކަމުގައި އީރާނުން ނުދެކޭނެކަމަށާއި އީރާނަށް ކުރަން މަޖުބޫރުކުރުވާ ކޮންމެ ހަނގުރާމައަކާއި އީރާނުން ކެރިގެން ކުރިމަތިލާ ހަނގުރާމަކުރާނެކަމަށެވެ.

އީރާނުގެ ޒަޢީމް ޢަލީ އާޔަތުﷲ ޚާމަނާއީ ވިދާޅުވެފައި ވަނީ ކިރިޔާވެސް ޚުކުމަތްތެރި ސިކުނޑިއަކުން ވިސްނާ މީހަކަށްނަމަ އީރާނުގެ ރައްޔިތުންނަކީ ކޮންބައެއްކަމާއި އެޤައުމުގެ ތާރީޚު ރަނގަޅަށް އެނގޭނެކަމަށެވެ. މިހެންކަމުން އީރާނަށް އިންޒާރުދޭ މޭރުމަކުން ބިރުދެއްކުމުގެ ވާހަކަތައްދައްކައިގެން ހާސިލުވާނެކަމެއް ނޯންނާނެކަމަށާއި އީރާނު އޮތީ ޖެހިލުންވެގެން ފަހަތަށްޖެހޭގޮތަށް ނޫންކަމަށެވެ.

Advertisement

ގަލްފުގެ ޢަރަބި ޤައުމުތަކުގެ ތެރެއިން ކުވައިތް، ބަޙުރައިން، ޤަޠަރު، ސައުދީ ޢަރަބިއްޔާ، އަލްއިމާރާތު އަދި ޢުމާންގައި އެމެރިކާގެ އެތަކެއް ބައިވަރު ޢަސްކަރީ މަރުކަޒުތަކެއް ވަނީ ޤާއިމުކޮށްފަ އެވެ. އަދި މި ޤައުމުތަކުގެ ޚުދުމުޚުތާރު ވެރިންނަކީ އެމެރިކާއަށް ހެއްލި އަޅުދާސްވެގެން މި ޤައުމުތަކުގެ ރައްޔިތުންގެ ފައިސާތައް ނަހަމަގޮތުގައި އެމެރިކާއަށް ހޭދަކުރަމުންދާ ޚިޔާނާތްތެރި ވެރިން އާއިލީ ވެރިކަމެއް ކުރަމުންދާ ޤައުމުތަކެކެވެ. ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ ޢަސްކަރީ މަރުކަޒުތަކަކީ އެ ޤައުމުތަކުގެ ރައްޔިތުން އަޅުވެތިކޮށް ޚުދުމުޚްތާރު އާއިލީ ވެރިކަންތައް ހިމާޔަތްކުރަން ޤާއިމުކޮށްފައި ހުރި ތަންތަނެވެ. އީރާނުންދޭ މިސައިލް ހަމަލާތަކުގައި މި ޤައުމުތަކުގައި ހުރި އެމެރިކާގެ ޢަސްކަރީ މަރުކަޒުތައް ސުންނާފަތިކޮށްލުމުގެ އިތުރުން އާއިލީ ވެރިކަންތައް ބޯކޮޅުވަތަށް ވެއްޓެމުންދާނެ އެވެ. އަދި މިއިން ކޮންމެ ޤައުމަކީ ބިއްލޫރިން ހަދާފައިވާ ގެއެއްފަދަ ބަލިކަށި ތަނެކެވެ. އެންމެ ޤާބުރިއެއް އެއްލައިފިނަމަ މުޅިގެ އެއްކޮށް ތަޅައިގެންގޮސް ފުނޑުފުނޑުވާނެ އެވެ.

Advertisement

ކޮމެންޓް