އެމެރިކާ އިން އިރާނަށް ބޮން އަޅައިފި
އިޒްރޭލާއި އިރާންގެ ހަނގުރާމަ ހޫނުވެ، ހަމަލާތައް ބަދަލު ކުރަމުން ދަނިކޮށް، ޔަހޫދީންގެ ދިފާއުގައި އެމެރިކާ ނުކުމެ މިއަދު އިރާނަށް ބޮމުގެ ހަމަލާތަކެއް ދީފި އެވެ.
މީޑިއާތަކުން ބުނީ އެމެރިކާގެ ޖެޓްތަކަކުން އިރާނާގެ ތިން ނިއު ކްލިއާ ސައިޓަކަށް ބޮން އަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފޯޑޯ ނިއުކްލިއާ މަރުކަޒު ވެސް ހިމެނެ އެވެ.
މިއެކަން ކާމިޔާބީއެެއްގެ ގޮތުގައި ފާހަގަކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އިރާނަށް ބޮން އެޅުމަށް ފަހު، އެމެރިކާގެ ޖެޓްތައް އިރާނުގެ ވައިގެ ސަރަހައްދުން މިހާރު ނުކުމެފައިވާ ކަމަށެވެ.
ނަމަވެސް މިކަމާ ގުޅިގެން ލިބުނު ގެއްލުމުގެ އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ. އެކަމަކު އިރާންގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއތަކުން ބުނީ ނިއުކްލިއާ ސައިޓްތަކަށް ބޮން އެޅުމާ ގުޅިގެން އެ ސަރަހައްދުތަކުން މީހުން ހުސްކޮށްފައިވާ ކަމަށެވެ.
އެމެރިކާ އިން އިރާނަށް ހަމަލާ ދީފައި މި ބަނީ ހަމަލާތައް ދޭނެކަމުގެ އިންޒާރުތަކެއް ދިނުމަށް ފަހު އެވެ.
މިކަމާ ގުޅިގެން އިރާނުގެ ވެރިން ވެސް ގެންދިޔައީ އެމެރިކާ މި ހަނގުރާމައިގެ ތެރެއަށް ވަދެެއްޖެ ނަމަ ވަރުގަދަ ބަދަލު ހިފުމަކުން ބަދަލު ހިފައި، އެމެރިކާގެ ދުވަސް ދުއްވައިލާނެ ކަމަށް ވިދާޅުވަމުންނެވެ.
އެ ގައުމުގެ ރޫހާނީ ލީޑަރު ޚާމަނާއީ ވެސް ވަނީ އެމެރިކާ އަށް ވަރުގަދަ އިންޒާރުތަކެއް ދެއްވާފައިވެ އެވެ.
މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށްވާ އިޒްރޭލާ ހެދި، މުޅި ސަރަަހައްދުގެ އަމާންކަން ގެއްލެމުންދާތީ ވަރަށް ގިނަ ގައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިޒްރޭލުން އިރާނާ ދެކޮޅަށް ނުކުތް އިރު، އޮކްޓޯބަރު 7، 2023 އިން ފެށިގެން ޔަހޫދިން ދަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގަތުލުއާންމު ހިންގަމުންނެވެ.