23 ޖޫން 2025

Advertisement

އީރާނުގެ ނިއުކްލިޔަ ޕްރޮގްރާމް ހުއްޓުވޭނެ ގޮތެއް ނެތް

އީރާނުން ނިޔުކްލިޔަ ހަކަތަ އުފެއްދުމުގެ ޕްރޮގްރާމް ފަށާފައި ވަނީ 1960ވަނަ އަހަރު ޝާހް މުޙަންމަދު ރިޒާ ޕެހިލަވީގެ ރަސްކަމުގެ ދުވަސްވަރު އެމެރިކާގެ އެހީގައެވެ. އޭރު އެމެރިކާއާއި އީރާނާ ސައުދީ ޢަރަބިއްޔާއަކީ ވަރަށް އެކުވެރި ތިން ޤައުމެވެ. އީރާނުގެ ނިޔުކްލިޔަ ޕްރޮގްރާމް އެމެރިކާއަށް އިތުބާރުހުރި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި އީރާނުން ވަނީ 1970ވަނަ އަހަރު އެންޕީޓީ މުޢާހަދާގައި ސޮއިވެސް ކޮށްފަ އެވެ. މިހެންކަމުން ޞުލްހަވެރި ބޭނުންތަކަށް ނިޔުކްލިޔަ ހަކަތަ އުފައްދާ ތަރައްޤީކުރުމަކީ އީރާނަށް ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ލިބިދޭ ޙައްޤެކެވެ. ނިޔުކްލިޔަ ހަކަތަ އުފެއްދެނީ ޔޫރޭނިއަމް ފައްކާކޮށްގެންކަމުގައި ވާތީ އެކަން ހުއްޓާލަން އެއްވެސް ފަރާތަކުން އީރާނަށް ބާރުއެޅުން އެންޕީޓީ މުޢާހަދާ ހުއްދައެއް ނުކުރެއެވެ. އީރާނަށް ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރިއަސް ޔޫރޭނިއަމް ފައްކާކުރަން އީރާނަށް ލިބިދޭ ހައްޤު ދޫކޮށްނުލާނެކަމަށް ވަނީ ބުނެފަ އެވެ.

އީރާނުން 2015ވަނަ އަހަރު ދުނިޔޭގެ އެންމެ ބާރުގަދަ 6 ޤައުމާއެކު ސޮއިކުރި ޖެސީޕީއޯއޭ މުޢާހަދާގެ ދަށުން ވެސް އީރާނަށް ކޮންމެ އަހަރަކު 300 ކިލޯގެ ޔޫރޭނިއަމް 3.67 އިންސައްތައަށް ފައްކާކުރުމުގެ ފުރުސަތު އޮތީ ލިބިދީފަ އެވެ. އެއާއެކު އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލަން އދ ގެ ސަލާމަތީ މަޖްލިސުން ނިންމާ އެގޮތަށް އަމަލުކުރަން އެއްބަސްވުމުގެ ދަށުން އޮތީ ހަމަޖެހިފަ އެވެ. މިހެންމިކަން އޮތްނަމަވެސް 2018ވަނަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ އެއްބަސްވުން އުވާލާ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ނަތީޖާއަކަށްވީ އީރާނުން ޔޫރޭނިއަމް ފައްކާކުރާ މިންވަރު އިތުރުކުރުމެވެ. އީރާނުން ނިޔުކްލިޔަ ހަތިޔާރު އުފައްދަން އުޅޭކަމަށް އެމެރިކާއާއި އިސްރާއީލުން ތުހުމަތުކުރަމުން ދިޔަނަމަވެސް ބައިނަލްއަޤްވާމީ އެޓޮމިކް ހަކަތައާބެހޭ އޭޖެންސީގެ ޑައިރެކްޓަރ ޖެނެރަލް ރަފައެލް މަރިއާނޯ ގްރޮސީ އެކަން ދޮގުކުރައްވަ އެވެ. ގްރޮސީ ވިދާޅުވެފައި ވަނީ އޭނާއަކީ އީރާނުގެ ނިޔުކްލިޔަ ޕްރޮގްރާމް ބަލާފާސްކުރާ އެންމެ އިސް ފަރާތްކަމުގައި ވާތީ އީރާނުގެ ނިޔުކްލިޔަ ޕްރޮގްރާމް ކުރިއަށްދާގޮތް އީރާނަށް ވަޑައިގެން އެންމެ ރަނގަޅަށް ގާތުން ބައްލަވަނީ އޭނާކަމުގައެވެ. އީރާނުން ނިޔުކްލިޔަ ހަތިޔާރު އުފެއްދުމުގެ އެއްވެސް މަސައްކަތެއް ނުކުރާކަމަށް ގްރޮސީ ވަނީ ވިދާޅުވެފަ އެވެ. މި މައްސަލައާއި ދުޅިގެން އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ ކުރީގެ ޑައިރެކްޓަރ ޓުލްސީ ގެބަޑް ވިދާޅުވެފަ ވަނީ އީރާނުން އެޓޮމިކް ހަތިޔާރު އުފައްދަން މަސައްކަތްކުރާކަމުގެ އެއްވެސް ޖާސޫސީ މަޢުލޫމާތެއް އެމެރިކާއަށް ލިބިފައި ނުވާކަމަށެވެ. މިހެންކަމުން އެފަދަކަމެއް އީރާނުން ކުރަންއުޅޭކަމަށް ބުނެވެން ނެތްކަމަށް އޭނާ ވަނީ ބަޔާންކުރައްވާފަ އެވެ. މިއީ އިސްރާއީލުން އީރާނަށް ހަމަލާދީ ހަނގުރާމަ ފެށުމާއި ހަމައަށް މިކަން އޮތްގޮތްކަމުގައި ތަފާތު މުޙައްލިލުން ވަނީ ވިދާޅުވެފަ އެވެ.

ޖޫން މަހުގެ 13ވަނަ ދުވަހު އެމެރިކާގެ އެހީގައި އިސްރާއީލުން އީރާނަށް ހަމަލާދީ ހަނގުރާމަ ފަށާފައި ވަނީ އީރާނުގެ ނިޔުކްލިޔަ ޕްރޮގްރާމް ހަލާކުކޮށްލައިގެން އިސްރާއީލަށް އޮތް ނުރައްކާ ނައްތާލުމުގެ ބޭނުމުގައި ކަމަށް ވަނީ ބުނެފަ އެވެ. މީގެ އިތުރުން އީރާނުން ބެލެސްޓިކް މިސައިލް އުފެއްދުން ހުއްޓުވުމަށާއި އިސްރާއީލާ ދެކޮޅު ޖަމާއަތްތަކަށް ވާގިވެރިވަމުންދާތީ އެކަންވެސް ހުއްޓުވުމުގެ ބޭނުމުގައިކަމަށް ވަނީ ބުނެފަ އެވެ. މިއިން އެއްވެސްކަމެއް އިސްރާއީލަށް ހާސިލުވަމުންދާތަން އަދި ފެންނަމުން ނުދެ އެވެ.

Advertisement

އީރާނުން ނިޔުކްލިޔަ ހަކަތަ އުފައްދާ މައިގަނޑު ތިން މަރުކަޒަކަށް އިސްރާއީލުން ވަނީ ވައިގެ ހަމަލާތައް ދީފަ އެވެ. އޭގެތެރޭގައި ނަތާންޒްއާއި ފަރުދޫގައި ހުރި ނިޔުކްލިޔަ މަރުކަޒާއި އަރަކްގައި ހުރި ކޮންދާބް ހެވީވޯޓަރ ރިއެކްޓަރ ފެސިލިޓީ ހިމެނެ އެވެ. މި ތިން މަރުކަޒުގެ ވެސް ޔޫރޭނިއަމް ފައްކާކުރާ ސެންޓްރިފިއުޖްތައް ހުންނަނީ ބިމުގެ ވަރަށް އަޑީގައިކަމުން އިސްރާއީލު ބޭނުންވި ނަތީޖާ އަދި ހާސިލުވާގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް މިތަންތަނުން ނިޔުކްލިޔަ ރޭޑިއޭޝަން ބޭރުވެ މާހައުލު ތަޣައްޔަރުވުމުގެ ސަބަބުން ކާރިސާއެއް ހިނގާފާނެކަމުގެ ބިރު އެބައޮތެވެ.

ޔަހޫދީ އިސްރާއީލުން މިހާރު ބުނެފައި ވަނީ އީރާނުގެ ދެކުނުން ގަލްފް ކަނޑާ ދިމާލުގައި އޮންނަ ބުޝެހެރް ނަމަކަށްކިޔާ ރަށުގައި ހުރި ނިޔުކްލިޔަ ހަކަތަ އުފައްދާ މަރުކަޒަށް ހަމަލާދޭނެކަމަށެވެ. އިސްރާއީލުން މިގޮތަށް ބުނުމާއި ގުޅިގެން އައިއޭއީއޭގެ އިސްވެރިޔާ ގްރޮސީ ވަނީ ވަރަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މިފަދަކަމަކުން ސަރަހައްދީ ފެންވަރުގައި ބޮޑު ކާރިސާއެއް ހިނގާފާނެކަމުގެ ބިރު އޮތުމުންނެވެ. މި މަރުކަޒަކީ ރަޝިޔާއިން އުފައްދައިގެން ހިންގަމުންދާ ތަނެކެވެ. މިތަނުގައި ރަޝިޔާގެ ސަތޭކައަށްވުރެ ގިނަ ޓެކްނީޝަނުން މަސައްކަތްކުރަމުން ދެއެވެ. މިތަނަށް ހަމަލާދީފިނަމަ ރަޝިޔާއަށް ލިބޭނެ މާލީގެއްލުމުގެ އިތުރުން އެ ޤައުމުގެ އެތަކެއް މީހުން މަރުވެދާނެކަމުގެ ބިރު ވެސް އެބައޮތެވެ. މިތަނަށް ދެވޭ ހަމަލާއަކުން ލީކްވެގެންދާ ރޭޑިއޯއެކްޓިވް ވިހައިގެ ސަބަބުން އޭގެ ނޭދެވޭ އަސަރުތައްކުރާނީ ހަމައެކަނި އީރާނަކަށް ނޫނެވެ. ގަލްފުގެ ޢަރަބި ޤައުމުތަކުގެ އެތަކެއް ސަރަހައްދުތަކުން މީހުން ހުސްކުރަން ވެސް ޖެހޭނެ އެވެ. މިހެންކަމުން އެއްވެސް ޤައުމަކުން އަނެއް ޤައުމެއްގެ ނިޔުކްލިޔަ އިންޖީނުގެއަކަށް ހަމަލާދިނުމަކީ ކަނޑައެޅިގެން ޣައިރުޤާނޫނީ އަމަލެކެވެ. މި މަރުކަޒުން ރަށުތެރެއަށް ކަރަންޓް ފޮނުވާދޭ ދެ ލައިނަކަށް ހަމާލާދީފިނަމަ ނިޔުކްލިޔަ ރިއެކްޓަރުގެ އެތެރޭގައިވާ މަދު ވިރިގެންދާނެ އެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ ޚިޔާލަށްވެސް ނުގެނެވޭވަރުގެ ނުބައި ނަތީޖާއަކާއި ކުރިމަތިލާންޖެހުމެވެ.

ޔަހޫދީ ޒަޔަނިސްޓް އިސްރާއީލުން ބުޝެހެރްގެ ނިޔުކްލިޔަ މަރުކަޒަށް ހަމަލާދޭންއުޅޭކަމަށް އަޑުތައް ފެންމަތިވުމާއި ގުޅިގެން ރަޝިޔާގެ ޚާރިޖީވުޒާރާގެ އިސް ތަރުޖަމާނު މާރިޔާ ޒަޚަރޯވާ އިންޒާރާއެކު ވިދާޅުވެފައި ވަނީ މިފަދަކަމެއް އިސްރާއީލުން ކޮށްފިނަމަ އެކަމަށް ހީވެސްނުކުރާވަރުގެ ބޮޑު އަގެއްދައްކަން ޖެހޭނެކަމަށެވެ. އިސްރާއީލުން މިވަރުގެކަމެއް ކުރުމަށްފަހު ދެން ރަޝިޔާގެ ހަމަލާތަކަށް އިންތިޒާރުކުރުމަށް ވެސް ޒަޚަރޯވާ ވަނީ ވިދާޅުވެފަ އެވެ.

Advertisement

ކޮމެންޓް