ގަލްފުގެ ޢަރަބި ޤައުމުތަކަކީ އެމެރިކާއާއި އިސްރާއީލުގެ އިއްތިޙާދީ ބައިވެރިން
އީރާނަށް އިސްރާއީލާ އެމެރިކާއިން މިހާތަނަށް ދީފައިވާ ނުރައްކާތެރި ވައިގެ ހަމަލާތަކުގައި ގަލްފުގެ ޢަރަބި ޤައުމުތަކުން ވަނީ ނުބައި ރޯލެއް ކުޅެފަ އެވެ. އީރާނަށް ހަމަލާދިނުމުގައި އެ ޤައުމުތަކުގެ ކަނޑާއި އެއްގަމާއި ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކޮށްފައިވާކަމަށް ބުނިނަމަވެސް ސިއްރުގޮތެއްގައި އެމެރިކާއާއި އިސްރާއީލުން ބޭނުންވާ ހުރިހާކަމެއް ވަނީ އެ ޤައުމުތަކުގައި ހުރި އެމެރިކާގެ ޢަސްކަރީ މަރުކަޒުތަކުން ހިންގާފަ އެވެ. އެމެރިކާއިން އެ ޤައުމުތަކުގައި ޢަސްކަރީ މަޒުކަޒުތައް ބިނާކޮށް ހިންގުމުގެ އަސްލު ބޭނުމަކީ ވެސް އީރާނާ ދެކޮޅަށް ޢަސްކަރީ ފިޔަވަޅުއަޅާ ހަނގުރާމަކުރުމެވެ. އެމެރިކާ ބޭނުންވާފަދައިން އެކަން ކޮށްދިނުމަކީ މާކުރިންވެސް ގަލްފުގެ ޤައުމުތަކުން ނިންމާފައިވާ ކަމެކެވެ. ހުރިހާކަމެއްގައި ވެސް އެމެރިކާއަށާއި ޔަހޫދީ ޒަޔަނިސްޓުންނަށް އިސްކަންދިނުމުގެ ސިޔާސަތެއް ގެންގުޅޭ ގަލްފުގެ ޢަރަބި ޤައުމުތަކަކީ ދުނިޔޭގެ އެހެނިހެން މުސްލިމުންނާމެދު ތަޢައްސުބުގެ އުސޫލު ގެންގުޅޭ އަމިއްލަ ޤައުމުމިއްޔަތާއި ޤަބީލާވަންތަކަން ކުރިއަށްނެރޭ ބައެކެވެ. ގަލްފުގެ ޤައުމުތަކުގައި ޚުދުމުޚްތާރު ވެރިކަންކުރާ އާއިލާތަކުން ރައްޔިތުންގެ އެއްވެސް ރުހުމެއް ނުވަތަ ޤަބޫލެއް ނެތި އެމެރިކާއަށް އެ ޤައުމުތަކުގެ ފައިސާތައް ނަހަމަގޮތުގައި ބަހާ ހުސްކުރެއެވެ. ތިމާމެންގެ އާއިލީ ވެރިކަންތައް ހިމާޔަތްކުރުމުގެ ބޭނުމުގަ އެވެ.
ގަލްފުގެ ޤައުމުތަކުގެ ތެރެއިން ޤަޠަރާއި ބަޙުރައިން، ސައުދީ އަރަބިއްޔާއާއި އަލްއިމާރާތު ވަކިން ފާހަގަކުރެވިފައި ވަނީ އެމެރިކައާއި ޔަހޫދީ ޒަޔަނިސްޓުންނާ ވަކިންގާތް އެކުވެރިގުޅުންތަކެއް އޮންނަ ޤައުމުތަކެއްގެ ގޮތުގައެވެ. މީގެ ތެރެއިން ބަޙުރައިންނާއި އަލްއިމާރާތު ނުވަތަ އެމިރޭޓްސް ވަނީ މިޞުރާއި އުރުދުން އަދި އަލްމަޣްރިބް (މޮރޮކޯ) ފަދައިން އިސްރާއީލުގެ އިއްތިޙާދީ ބައިވެރިންކަމުގައި ވެފަ އެވެ. ސައުދީ ޢަރަބިއްޔާއިން ވަނީ ސިއްރުގޮތެއްގައި އިސްރާއީލާ ހުރިހާ ގުޅުންތަކެއް ޤާއިމުކޮށް އިއްތޙާދުވެފަ އެވެ. މިއަދު ސޫރިޔާގައި އޮތީ އިސްރާއީލުގެ ގޮނޑިކޮއްކޮ ސަރުކާރެކެވެ. މިސަރުކާރު ހިންގަންތިބީ ތަކްފީރީ ޓެރަރިސްޓުންނެވެ. ތުރުކީވިލާތަކީ އެމެރިކާގެ އަމުރަށް ކިޔަމަންވާންޖެހޭގޮތަށް އޮތް ނޭޓޯގެ މެންބަރު ޤައުމެކެވެ. ތުރުކީވިލާތުގެ ރައީސް ރަޖަބް ޠޮއްޔިބު އުރުދުޣާން ފަލަސްޠީނު މައްސަލާގައި ކިތަންމެ ރީތި ބަޔާންތަކެއް ދެއްވިނަމަވެސް އަޑިއަޑިން އިސްރާއީލަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ދަނީ ފޮނުވަމުންނެވެ. ސައުދީ ޢަރަބިއްޔާއާއި މިޞުރުންވެސް ދަނީ މިފަދައިން އަމަލުކުރަމުންނެވެ. ދެން ކުރުގޮތަކަށް ބަޔާންކުރާނަމަ ފަލަސްޠީނުގެ ބިމުގައި އިސްރާއީލު ނަމަކަށްކިޔާ ޔަހޫދީ ޒަޔަނިސްޓް ދައުލަތް ދަމަހައްޓަމުންދާ އެންމެ ބޮޑު ބާރަކީ އިސްލާމީ އުންމަތަށް ޚިޔާނާތްތެރި ޢަރަބި މުސްލިމް ވެރިންނެވެ. މިމީހުން މި ކުރަމުންދާ ނުބައި ކަންތަކުގައި ދީނީ ސިއްކަޖަހާ ސޮއިކުރުމަށް ރިޝްވަތަށް ހެއްލޭ 'ގަނޑުވަރު ޢާލިމުން'ގެ ބޭނުން ހިފަމުންދެއެވެ. މިމީހުންގެ ފަތުވާތަކުގެ މިސްރާބު އަބަދުވެސް ހުންނަނީ މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ޖައްސުވާ ފިތުނަވެރިކުރުވުމުގެ މައްޗަށެވެ. މި މީހުންގެ މަސައްކަތަކީ ފަތުވާ ވިއްކައިގެން ޖިބަށް ފައިސާ ގިނަކުރުމެވެ.
އިސްރާއީލާ އެކުވެރިވެ ގާތްގުޅުންތައް ޤާއިމުކުރުމަކީ މިފަހަކަށް އައިސް ޢަރަބި ދުނިޔޭގައި ފެޝަނަކަށް ވެފައިވާ ކަމެވެ. ދެން މި ފެޝަން ނުވަތަ ޓްރެންޑާ ދެކޮޅުވެރިވެ ޚިލާފުވާ ބަޔަކީ ދަތިކުރުމުގެ ފިޔަވަޅުއަޅާ ބާކީކޮށް ނިރުބަވެރިންގެ ލަޤްބުދެވޭ ޤައުމުތަކާއި ޖަމާއަތްތަކެވެ. އެގޮތުން މި ލިސްޓްގެ އެންމެ ކުރީގައި އީރާން އޮތްއިރު އޭގެފަހަތުން ޔަމަނާއި ލުބްނާން އަދި ލީބިޔާވެސް ވަނީ ހިމެނިފަ އެވެ. ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީ އިސްރާއީލުން އިންސާނީ ނަސްލެއް ނައްތާލަމުންދާއިރު އެކަމާ ދެކޮޅަށް އަމަލީ މަސައްކަތެއްކުރާ ކޮންމެ ބަޔަކީ އިސްލާމް ދީން ނުދަންނަ އަޤީދާގޯސް ބަޔަކަށް ވެއްޖެއެވެ. މިގޮތުން އެމެރިކާއާއި ޔަހޫދީ ޒަޔަނިސްޓުން ރުއްސަން އެއްބަޔަކު އަނެއްބަޔަކާއި ވާދަކުރަނީ އެވެ.
ހަނގުރާމަކޮށްގެން ކަމުގައި ވިޔަސް ފަލަސްޠީނުގެ މުޤައްދަސް ބިމާއި، މާތް ޙަރަމުއްޝަރީފު އަދި މަސްޖިދުލްއަޤްޞޯ ޔަހޫދީންގެ އަތްދަށުން މިނިވަންކުރުމަކީ އެންމެހާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މިކަމާމެދަކު އެއްވެސް މަޛްހަބީ ޚިލާފެއް ނެތެވެ. މުސްލިމުން ޖިހާދުކުރުން ދޫކޮށްލާކަށް އިސްލާމްދީނުގައި ހުއްދަދީފައެއް ނެތެވެ. މުސްލިމުން އެމީހުންގެ ދިނާއި ވަޠަނާއި ގެދޮރާއި އަނބިދަރިންގެ ދިފާއުގައި ހަތިޔާރު އުފުލާ ހަނގުރާމަކުރުމަކީ އެކަމުން ކޮންމެ ނަތީޖާއެއް ނުކުތްކަމުގައި ވިޔަސް އިސްލާމްދީން އެކަންކުރަން ބާރުއަޅާކަމެކެވެ. ފަލަސްޠީނުގެ ނިކަމެތި ރައްޔިތުން ޖިހާދުކުރުންމަތީ ދެމިތިބީ އެހެންވެގެންނެވެ. މިހެންވީއިރު މާދުރުގައި މުސްލިމުންގެ ޚައިރާތު ފައިސާއިން މީރުކޮށްކައިގެން ރިޝްވަތު ފައިސާތައް ޖީބަށްލައިގެން، ބަނޑުލާފައި އަނބިންގާތު ތިބެގެން، ފަލަސްޠީނުގެ ރައްޔިތުންނަށް ޖިހާދާއި ޢަޤީދާ ކިޔަވާދޭން އުޅުމަކީ ވަރަށް ދެކޮޅުނުޖެހޭކަމެކެވެ.
މުސްލިމް ޤައުމުތަކުން އެމެރިކާއާއި ޔަހޫދީ ޒަޔަނިސްޓުންނާ ކެރިގެން ހަނގުރާމައިގެ މައިދާނުގައި ކުރިމަތިލައިފިނަމަ އެބައިމީހުންނަކީ ފިނޑިވެގެން ބަލިވެ ފަހަތަށްޖެހޭނެ ބައެކެވެ. މިކަން އީރާނުން ދަނީ ސާބިތުކޮށްދެމުންނެވެ. އެމެރިކާއިން މެދުއިރުމަތީގައި ހަދާފައިވާ އެންމެ ބޮޑު ޢަސްކަރީ މަރުކަރުކަމުގައިވާ ޤަޠަރުގައި ހުރި އަލްއުދައިދު ބޭހަށް އީރާނުގެ މިސައިލްތަކުން ހަމަލާދިނުމުން އެމެރިކާއިން ހޯހޯގޮވާ އިސްރާއީލާ އީރާނާ ދެ ޤައުމުން ހަމަލާބަދަލުކުރުން ހުއްޓާލަން ވަނީ އެދިފައެވެ.