ސޫރިޔާގައި ޤާއިމުކުރެވުނު އިސްރާއީލުގެ ގޮނޑިކޮއްކޮ ސަރުކާރުގެ ނުބައި ރޭވުންތައް
ސޫރިޔާގައި އޮތް ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ބަދަލުކުރަން 13 އަހަރުވަންދެން ހިންގުނު ޤަތުލުޢާންމުތަކަށްފަހު ޤާއިމުކުރެވުނު ޙައްޔަތު ތަޙުރީރުއްޝާމް ނަމަކަށްކިޔާ ތަކްފީރީ ޖަމާއަތުގެ ސަރުކާރުގެ ފަރާތުން ޔަހޫދީ ޒަޔަނިސްޓް އިސްރާއީލާ ސޫރިޔާއަކީ މުޅިން އެއްސިޔާސަތެއް ގެންގުޅޭ އެކުވެރި ދެ ޤައުމުކަމަށް ހަދަން މަސައްކަތް ފަށައިފި އެވެ. މީގެ އިތުރުން މިވަގުތު އެއްވެސް އާރެއްބާރެއް ނެތް ސޫރިޔާގެ "ސިފައިންނާއި" ޔަހޫދީ އިސްރާއީލުގެ ޢަސްކަރިއްޔާ ލާމެހިގެންދާފަދަ ގޮތަކަށް ގުޅުވާލުމުން ސޫރިޔާގެ ކޮންޓްރޯލް އެއްކޮށް އިސްރާއީލަށް ލިބިގެންދާނެ އެވެ. މިކަން މިގޮތަށް ކުރަން މަގުފަހިކުރުވުމުގައި ސައުދީ ޢަރަބިއްޔާއާއި އަލްއިމާރާތު (ޔޫއޭއީ)ގެ ފަރާތުން ނުބައި ރޯލެއް އަދާކުރަމުން އެބަދެއެވެ.
މިހާރު އެނގިފައިވާ ކަންކަމުގެ ތެރޭގައި ސޫރިޔާގެ ރައީސްކަމުގައި ވެގަނެގެން ހުރި ޚުދުމުޚްތާރު ވެރިޔާ އަޙުމަދު އައްޝަރުޢުއާއި ޔަހޫދީ އިސްރާއީލުގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ޒާޗީ ހަނެގްބީއާއި ދެމީހުން ވަރަށް ސިއްރުގޮތެއްގައި ވަނީ ޔޫއޭއީގެ އަބޫދާބީގައި ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުމާއި މަޝްވަރާތައް ވިލަރެސްކޮށް ބެލެހެއްޓި ފަރާތަކީ އިންތިޚާބަކާނުލާ ޔޫއޭއީގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި މުޙަންމަދު ބިން ޒައިދު އެވެ. މި ބައްދަލުވުން މިގޮތަށް ހިނގައިފިކަން ޑިޕްލޮމެޓިކް މަސްދަރުތަކާއި ހަވާލާދީ ލުބްނާންގެ އަލްމަޔާދީންގެ ފަރާތުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އިތުބާރުހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ޝަރުޢުއާއި ހަނެގްބީ ޔޫއޭއީއަށް އައީ އެއްވަގުތެއްގައި ޖެއްސި ތަފާތު ދެ ފްލައިޓަކުންނެވެ. އެއަށްފަހު ދެފަރާތުން ބޭއްވި ބައްދަލުވުމާއެކު އެނގިފައި ވަނީ މި ސިއްރު ބައްދަލުވުމަކީ ސޫރިޔާއާއި ޔަހޫދީ އިސްރާއީލާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކޮށް އެކުވެރިވާން ބޭއްވުނު މުހިންމު ބައްދަލުވުމެއްކަމުގައެވެ. މިކަން ނިންމުމަށްޓަކައި ކުރެވޭނެ ފުރަތަމަ ކަމެއްގެ ގޮތުގައި ސޫރިޔާއާއި އިސްރާއީލުގެ ޣައިރު ޤާނޫނީ ދެ ސަރުކާރުގެ ސަލާމަތާބެހޭ އޭޖެންސީތަކުގެ މެދުގައި އެއްބާރުލުން ޤާއިމުކުރެވޭނެ އެވެ. މިގޮތުން ދެ ފަރާތުގެ ދެމެދުގައި ބޭއްވޭ ބައްދަލުވުންތަކުން ފުރަތަމަ ނިންމޭނެ ކަމެއްގެ ގޮތުގައި ސޫރިޔާގެ ގޯލާންގެ އުސްބިންތައް އިސްރާއީލަށް ހިބައިން ދިނުން ހިމެނެއެވެ. އޭގެ ބަދަލެއްގެ ގޮތުން ތަކްފީރީ ރައީސް ޝަރުޢުގެ ވެރިކަން އެއީ ދުނިޔޭގެ ޤައުމުތަކުން ބަލައިގަންނަ ކަމެއްގެ ގޮތުގައި ހަދަން އިސްރާއީލާ އެމެރިކާއިން މަސައްކަތްކޮށްދޭނެ އެވެ.
ސޫރިޔާއިން އަދިވެސް އިސްރާއީލުން ކޮންޓްރޯލުކުރަން ދޭނެ އެތަކެއް ބިންތަކުގެ ގޮތުގައި ދާރާއާއި ޤުނައިތުރާ އަދި އައްސުވައިދާ ޕްރޮވިންސް ވަނީ ހިމެނިފަ އެވެ. މި ސަރަހައްދުތަކުގައި ސޫރިޔާ ސަރުކާރުގެ ތަކްފީރީ ޤުރޫޕްތަކުން އެއްވެސް ޢަސްކަރީ ހަރަކާތްތަކެއް ނުހިންގާނެ އެވެ. އަމަނު ބަލަހައްޓަންޖެހޭފަދަ ހާތަލެއް މެދުވެރިވިޔަސް އެކަން ކުރާނީ އިސްރާއީލު ސިފައިން ހުއްދަދޭގޮތެއްގެ މަތިން ލުއި ހަތިޔާރާ އެކުގައެވެ. އެއްވެސް ބާވަތެއްގެ ބަރު ހަތިޔާރެއް މި ސަރަހައްދުތަކުގައި ރުކުރުވާލުމާއި ގެންގުޅުމަކީ ސޫރިޔާއަށް މަނާކުރެވިފައިވާ ކަމެކެވެ. މީގެ އިތުރުންވެސް އެއްބަސްވެވޭ ކަންކަމުގެ ތެރޭގައި ސޫރިޔާގެ ބިމުގެ ސަރަހައްދުން ލުބްނާންގެ ޙިޒްބުﷲއަށް ހަތިޔާރާއި އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ބަޔަކު ފޯރުކޮށްދޭން މަސައްކަތްކުރާނަމަ އެކަން ހުއްޓުވުން ހިމެނެ އެވެ. ސޫރިޔާގެ އެތެރޭގައި ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ކުރެވޭ ހުރިހާ މަސައްކަތެއް ޝަރުޢުގެ ސަރުކާރުން ހުއްޓުވުމާއި، ތުރުކީވިލާތާއި އީރާނުން ސޫރިޔާގެ ތެރޭގައި ނުފޫޒު ހިންގަން މަސައްކަތްކުރާނަމަ ބާރުގެ ބޭނުންކޮށްގެން އެކަން ހުއްޓުވުން ވެސް ހިމެނެ އެވެ. މިފަދަ އެންމެހާކަންކަމަކީ އިސްރާއީލުގެ ސަލާމަށްޓަކައި ސޫރިޔާއިން ކޮށްދޭންޖެހޭ ކަންކަމެވެ.
އެންމެފަހުން ސޫރިޔާގެ ވަފްދު ޒަޔަނިސްޓް އިސްރާއީލަށް ކުރި ދަތުރުގައި ރައީސް ޝަރުޢުގެ މެސެޖެއް ވަނީ ޔަހޫދީ ޤާނޫނުހަދާ މަޖްލިސްގެ މެންބަރުންނަށް ފޯރުކޮށްދީފަ އެވެ. އެ މެސެޖްގައި ބަޔާންކޮށްފައި ވަނީ ޤަރުނަކު އެއްފަހަރު ނޫނީ ސޫރިޔާއަށް ނުލިބޭނެ ބޮޑު ނަސީބެއް ލިބިފައިވާކަމަށެވެ. އެބުނާ "ހެޔޮ ނަސީބަކީ" ސޫރިޔާގެ މިނިވަންކަމާއި ސިޔާދަތު ޒަޔަނިސްޓުންނަށް ވިއްކާލައި އިސްރާއީލަށް އަޅުވެގަތުމުގެ "ނަސީބު" ނޫން ދެން ކޮންއެއްޗެއް ހެއްޔެވެ؟