ރޭ ސައިކަލުން ޖެހުނު މީހާ ވެންޓިލޭޓަރުގައި
މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސައިކަލުން ޖެހި އަނިޔާވި މީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އުމުރުން 17 އަހަރު ކުއްޖަކު ބާރު ސްޕީޑްގައި ދުއްވި ސައިކަލް އެކްސިޑެންޓްވި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އަކީ 40 އަހަރުގެ ފިރިހެނެކެވެ. ކަސްރަތަށް ދުވަން ނުކުމެ އުޅުނި އެ މީހާގެ ގައިގައި ސައިލަކުން ޖެހުނީ މާފަންނު ބަސް ޓާމިނަލް ކައިރިން ކަފިހިހުރަހުން މަގު ހުރަސްކުރަނިކޮށް ބާރު ސްޕީޑްގައި ދުއްވި ސައިކަލުން ޖެހިގެންނެވެ.
އެ މީހާ އަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ އިރު، ސިކުނޑި އަށް ވެސް ލޭ އެޅިފައިވާ ކަމަށް އެނގިފައިވެ އެވެ.
ރޭ 8:30 އެހާކަށްހާ އިރު، ހިނގި ހާދިސާގައި ސައިކަލް ދުއްވި 17 އަހަރުގެ ކުއްޖާ ވަނީ އައިޖީއެމްއެެޗްގައި ފަރުވާ ދެނިކޮށް މަރުވެފަ އެވެ. އެއީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދެވެ.
އެކްސިޑެންޓްގައި ދެން އަނިޔާވެފައި ވަނީ އޭނަ ދުއްވ ސައިކަލްގެ ފަހަތުގައިން 16 އަހަރުގެ ކުއްޖާއަށެވެ. އެ ކުއްޖާ އަށް ވެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ. އެ ހޮސްޕިޓަލުން ބުުނީ އެ ކުއްޖާ އަށް ފަރުވާ ދެނީ ވޯޑްގައި ކަމަށެވެ.